އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

28 މާރޗް 2019     4 years ago


އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

އިންޓަނެޓް ޕޯޓަލްއެއް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފަށައިފިއެވެ.

ބިދޭސީންގެ ދަފްތަރު އެކުލަވާލައި އެފަރާތްތަކުގެ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ބެލޭނެ ގޮތަށް ތައްޔާރުކުރާ މިޕޯޓަލްއިން ކައުންސިލްތަކަށް އެކައުންސިލް ނިސްބަތްވާ ދާއިރާއެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި ޕޮލިހާއި އެލްޖީއޭ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓަށް މުޅި ރާއްޖޭގެ ބިދޭސީންގެ ދަފްތަރު ފެންނާނެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން މިއަދު ކައުންސިލާ ބައްދަލުކުރެއްވި ޓީމުގެ ފަރާތުން ވިދާޅުވީ، މިމަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދަފްތަރު އެކުލަވާލައި ރަށެއްގައި ބިދޭސީއަކު އުޅޭނަމަ އެބިދޭސީ މީހަކާމެދު ޒިންމާވާ ފަރާތް އެނގޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ކަމަށެވެ. މި އަންނަ ބަދަލުގެ ސަބަބުން ގަވާއިދާ ޚިލާފަށް ހުރި ބިދޭސީއެއް ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން އެބިދޭސީ މިހާގެ މައްޗަށް ޒިންމާވާނެ ދިވެއްސެއް ހުރިނަމަ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ތެރޭން އެ ދިވެހިމީހާގެ ނަންމައްޗަށް ފަސޭހައިން ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި މިބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން އިތުރު ފީއެއްވެސް އަދި ޖޫރިމަނާއެއް ހުރިނަމަ އެވެސް ދައްކަން ނުޖެހޭނެ ކަމަށެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ތައްޔާރުކުރާ މިޕޯޓަލް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގައެވެ.