އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައުންސިންގ މިނިސްޓަރ އައްޑޫއަށް ޒިޔާރަތްކުރައްވައިފި

24 އެޕްރީލް 2019     4 years ago


ހައުންސިންގ މިނިސްޓަރ އައްޑޫއަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހައުންސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓ އާމިނަތު އާތިފާ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. މިނިސްޓަރ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

މިނިސްޓަރ ގެ މިދަތުރުފުޅަކީ އައްޑޫސިޓީގެ ހިތަދޫ އަދި ހުޅުދޫގައި ސަރުކާރުން އަޅާފައިވާ ހައުސިންގ ޔުނިޓްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަނާ އައްޑޫއަށް ވަޑައިގެން އެންމެ ފުރަތަމަ ބައްލަވާލެއްވީ ހުޅުދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމިފައި ހުރި ގޮތެވެ. އެއަށްފަހު ހިތަދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކާއި ފޭދޫގެ ރޯހައުސްތަކަށްވެސް އެކަމަނާ ޒިޔާރަތް ކުރެއްވިއެވެ.

މިނިސްޓަރ ގެ މިދަތުރުފުޅުގައި މިއަދު އައްޑޫސިޓީ ކައުންސިލާވެސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުވުމުގައި ބިމުގެ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކާއި ކަންބޮޑުވުންތައް މޭޔަރ ވަނީ މިނިސްޓަރަށް ދަންނަވާފައެވެ. މޭޔަރ ވިދާޅުވިގޮތުގައި ބިމުގެ މައްސަލައަކީ އައްޑޫއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމުގައެވެ. ހާއްސަކޮށް އީސީސީ ސަރަހައްދުން ކުރިން ދޫކޮށްފައިވާ ބިންތައް އަލުން ދިނުމަށް ބަލާއިރު ބައެއް ގޯތިތައް އިސީސީ ހުރި އިމާރާތާއި އިމުގެ ތެރެއަށްގޮސް މައްސަލަތަކެއް ހުރުމުން ބިންދޫކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. މިމައްސަލަތައް ހައްލުކުރުމަށް މިހާރު ހަދާފައިހުރި ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމަށްޓަކައި ވަރަށް އަވަހަށް އިޢުލާން ކުރެއްވޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެއާއެކު އައްޑޫގައި މިވަގުތު ބޭނުންކުރާ ގޯތިތަކާއި ފަޅަށްހުރި ގޯތިތައް ދެނެގަތުމަށް ސާވޭގެ މަސައްކަތްފެށި ކުރިއަށްދާ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މާލެ ތޮއްޖެހުން ހުއްޓުވައި ރީޖަނަލް ޑެވެލޮޕްމަންޓަށް މަސައްކަތްކުރުމަކީ މިސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. އަދި އެކަމަށްޓަކައި މިސަރަހައްދަށް 5.3 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެކަމަނާ ވިދާޅުވިގޮތުގައި ހިތަދޫ އަދި ހުޅުދޫގައި މިހާރު ނިމިފައިވާ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގުޅުމަށްޓަކައި ފެނަކައާއި ވާހަކަ ދެކެވި މަސައްކަތް ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ދެމަހެއްހާ ދުވަސްތެރޭ އެމަސައްކަތް ނިންމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

އެކަމަނާ ވިދާޅުވިގޮތުގައި މުޅި ރާއްޖެއަށް 5 އަހަރުތެރޭ 20،000 ހައުންސިންގ ޔުނިޓް އެޅުމަކީ ސަރުކާރުގެ ވަޢުދެއް ކަމެށެވެ. އެވަޢުދުގެ ތެރެއިން 5000 ހައުސިންގ ޔުނިޓް އެޅުމަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ސޮއި ކުރުމަށް ފްރޭމްވޯކް އެގްރިމަންޓުގައި އިއްޔެ ސޮއި ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 1500 ގެދޮރު އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި ގެދޮރުގެ މައްސަލަތައް ހައްލުކުރުމަށް 'ފަހި ދިރިއުޅުން ކޯޕަރޭޝަން' ގެނަމުގައި ގެދޮރުވެރިކަމާ ބެހޭ ކުންފުންޔެއް ސަރުކާރުން އުފައްދަވާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަތައް މިކުންފުނީގެ ދަށުން ހައްލުކުރެވިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިނިސްޓަރ އައްޑޫއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.