އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުނިކޮށްޓަށް ވަންނަ ގޭޓް އެހެންދިމާލަކަށް ބަދަލުކޮށް ލިންކް ރޯޑުގައި ޓްރެފިކް ނިޝާންތައް ހަރުކުރަނީ

25 އެޕްރީލް 2019     4 years ago


ކުނިކޮށްޓަށް ވަންނަ ގޭޓް އެހެންދިމާލަކަށް ބަދަލުކޮށް ލިންކް ރޯޑުގައި ޓްރެފިކް ނިޝާންތައް ހަރުކުރަނީ

ކުނިކޮށްޓަށް ވަންނަ ގޭޓް މިހާރު ހުރި ދިމާލުން އެހެން ދިމާލަކަށް ބަދަލުކުރުމާއި، ލިންކު ރޯޑުގައި ޓްރެފިކް ނިޝާންތައް ހަރުކޮށް ދުވެލި މަޑު ކުރެވޭނެ ގޮތްތައް ހެދުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ކައުންސިލުން ނިންމަވައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމެވީ ކުނިކޮށްޓަށް ވަންނަ ގޭޓް މިހާރު ހުރި ދިމާލަކީ ކުނިކޮށްޓަށް ވަންނަ ފަރާތްތަކާއި މަގުން ދުއްވާ އެހެނިހެން ފަރާތްތައް ނުރައްކާތެރި ހާލަތަކަށް ހުށެހެޅުމަށް މަގުފަހިވާގޮތަށް ހުރި ދިމާލަކަށްވެފައި އެފަދަ ހާދިސާތައް ތަކުރާރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

މިކަމާއި ގުޅިގެން ޕޮލިހާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށްފަހު ކުނިކޮށްޓަށް ވަންނަ ގޭޓް ރައްކާތެރި ދިމާލަކަށް ބަދަލުކޮށް އެދިމާލުގެ މަގު ފުޅާކޮށް ސާވިސް ލޭން އެއް ހެދުމަށާއި ލިންކު ރޯޑުގައި ޓެރެފިކް ނިޝާންތަކާއި ރިފްލެކްޓާސްއާއި، ދުވެލި މަޑުކުރުމަށް އެކި ސަރަހައްދުތަކުގައި ރަމްބަލް ސްޓްރިޕްސް ހަރުކޮށް، އަނދިރި ސަރަހައްދުތައް ދިއްލައި އަލި ކުރެވޭނެ ގޮތް ހަދައި، ލިންކު ރޯޑާ ގުޅޭ މަގުތައް ފެށޭ ހިސާބުތަކުގައި ސްޕީޑް ބްރޭކަރ ހަރުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

މިމަސައްކަތުގެ ތެރެއިން ލިންކު ރޯޑުގައި ހަރުކުރާ ނިޝާންތަކާއި، ރިފްލެކްޓާސް ފަދަ ތަކެތި ކައުންސިލުން ވަނީ މިހާރު ހޯއްދަވާފައެވެ. އަދި މަސައްކަތް ހިނގަމުންދާއިރު ޓްރެފިކް ފްލޯ ކޮންޓްރޯލްކޮށް ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުގައި ޕޮލިހުން އެހީތެރިވެދެއްވާނެއެވެ.