އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރިފްލެކްޓާރސް އަކީ އޭގެ ޒާތުގައި އަލި އުފައްދާ އެއްޗެއް ނޫން

20 މޭއި 2019     4 years ago


ރިފްލެކްޓާރސް އަކީ އޭގެ ޒާތުގައި އަލި އުފައްދާ އެއްޗެއް ނޫން

އައްޑޫ ލިންކް ރޯޑު ދިއްލުމަށްޓަކައި ޓްރާންސްޕޯޓުގެ ފަރާތުން ކައުންސިލާ ތަކެތި ހަވާލުކުރެވިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ވަނީ ފެތުރިފައެވެ. ނަމަވެސް މިގޮތަށް ޚަބަރު ފެތުރުމުން ކަމުގެ ހަގީގަތް އާންމުންނަށް އޮޅުން އަރަމުންދާތީ ލިޔަމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް ކައުންސިލާއި ހަވާލު ކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ ރޯޑް ސްޓަޑް އަދި ކެޓް އައި ރިފްލެކްޓާރސް އާއި، ޓްރެފިކް ސައިން ބޯޑާއި އެތަކެތި ހަރުކުރާ ޕޯސްޓާއި ތާމޯ ޕްލާސްޓިކް ރޯޑް ޕެއިންޓާއި ރިފްލެކްޓިވް ބީޑްސްއެވެ. މިއިން އެއްވެސް އެއްޗަކީ އޭގެ ޒާތުގައި ބޮކިން އަލި އުފައްދާ ފަދައިން އަލި ދޭ އެއްޗެއް ނޫނެވެ. ރިފްލެކްޓާސް އަކީ މަގުން ދުއްވާ އުޅަނދުތަކަށް މަގު އޮތްގޮތް އެންގުމަށްޓަކައި ބޭނުން ކުރާ އެއްޗެކެވެ. އެއަށް އަލި އެޅުމުން އެއަލި އަނބުރާ ރިޕްލެކްޓް ކުރާ އެއްޗެކެވެ. ކިތަންމެ ގިނައި ރިފްލެކްޓާސް ހަރުކުރިޔަސް އެއަށް އަލިއެއް ނޭޅާހާ ހިނދަކު މަގު އޮންނާނީ އަނދިރިކޮށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އައްޑޫ ލިންކް ރޯޑުގައި ހަރުކުރުމަށް މިތެކެތި ހަވާލު ކުރީ މިދަޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރު އޮތް ސަރުކާރުގެ ނިމުން ގާތްވެ އިންތިޚާބު ބޯމަތިވެފައިވަނިކޮށެވެ. ތަކެތި ހުރީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. 
ވެރިކަން ބަދަލުވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ކުރެވުމަށްފަހު އެތަކެތި ހަރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ޕަބްލިކް ވޯކްސް ސާވިސަސްއާއި ތަކެތި ވަނީ ހަވާލު ކުރެވިއެވެ. އަދި މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކައުންސިލުން ވަނީ މިހާރު ފަށާފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މިމަސައްކަތުގެ ތެރޭގައި ޓްރާންސްޕޯޓުން ހަވާލުކުރި ތަކެތި ހަރުކުރުމުގެ އިތުރުން ކުނި ކޮށި ގޭޓް އެހެން ދިމާލަކަށް ބަދަލުކުރުމާއި އެދިމާލުން ލިންކް ރޯޑް ފުޅާކުރުންވެސް ހިމެނެއެވެ.