އީދިގަލި ސަރަހައްދު ތަރައްޤީކޮށް އީކޯ ޓޫރިޒަމަށް ހުޅުވާލުމުގެ ގޮތުން ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓް ގެ ފޭސް 2 ގެ މަސައްކަތް ހިނގަމުންދާ ގޮތް މޭޔަރ އަބްދުﷲ ޞާދިޤް ބައްލަވާލައްވައިފިއެވެ.
މި ޕްރޮޖެކްޓްގެ ފޭސް 2 ގެ ދަށުން މިހާރު ކުރިއަށް ދަނީ ވިޒިޓަރސް ސެންޓަރެއް އެޅުމުގެ މަސައްކަތެވެ. މޭޔަރ މިމަސައްކަތް ހިނގަމުންދާ ސައިޓަށް ސައިޓަށް ޒިޔާރަތް ކުރުމުން މޭޔަރ އަށް މިމަސައްކަތް ހިނގަމުނދާ ގޮތުގެ މަޢުލޫމާތު ދެއްވީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މި މަސައްކަތް ހިނގަމުންދާއިރު، ހިތަދޫ ރައްޔިތުން އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމުގައި މި މަސައްކަތް ކުރަމުންދާ ފަރާތުން މޭޔަރ އަރިހު ވަނީ ދަންނަވާފައެވެ. މިހެންކަމުން އެއެންމެހާ ރައްޔިތުންނަށް މޭޔަރ ވަނީ ޝުކުރު ދަންނަވާފައެވެ.
ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ މި މަސައްކަތް އެންވަޔަރަންމެންޓް މިނިސްޓްރީން ހަވާލުކުރެއްވީ މިއަހަރުގެ ޖުލައި މަހުއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އީދިގަލި ޕްރޮޖެކްޓް ފޭސް 1 ގެ ދަށުން އީދިގަލި ސަރަހައްދު ސާފުކޮށް، އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހައިން އެސަރަހައްދުގެ ރީތިކަން ބަލާލެވޭނެ ގޮތަށް ތަންތަން ވަނީ ހަދާފައެވެ. ނަމަވެސް އެމަސައްކަތް ނިންމިފަހުން އެސަރަހައްދު ރަނގަޅަށް ނުބެލެއްޓޭކަން ފާހަގަ ކުރެވެއެވެ.