އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަޢުދީ އަރަބިއްޔާއިން ހަދިޔާ ކުރެއްވި ކަދުރު އައްޑޫސިޓީގައި މިއަދު ބަހަން ފަށައިފި

27 މޭއި 2019     4 years ago


ސަޢުދީ އަރަބިއްޔާއިން ހަދިޔާ ކުރެއްވި ކަދުރު އައްޑޫސިޓީގައި މިއަދު ބަހަން ފަށައިފި

ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން އައްޑޫސިޓީގެ ރައްޔިތުންނަށް ދެވޭ ކަދުރު މިއަދު ބަހަން ފަށައިފިއެވެ.

ކަދުރު ބެހުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސަވާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތައް ބެލުމަށްފަހު 2018 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުގެ އުޞޫލުންނެވެ. އެއަށްފަހު ބާކީވާ ކަދުރު އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެގޭބިސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމާއި ކަދުރާއި ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުން ގެނައުމުންނެވެ. ގޭބިސީއަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނެއްނަމަ ގެންނަން ޖެހޭނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލެވެ. ކަދުރު ބެހުން ކުރިއަށްދާނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:15 އިން މެންދުރުފަހު 13:00 ހަމައަށެވެ. ކަދުރު ބަހާނީ ކަދުރު ހުސްވަންދެނެވެ.

އައްޑޫސިޓީގައި ބެހުމަށް 2675 ޕެކެޓް ކަދުރު ލިބިފައިވާއިރު، އައްޑޫގެ ގޭބިސީތަކުގެ އަދަދަކީ 5346 އެވެ. ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުގެ އަދަދަކީ 400 އެވެ.