އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕޮލިހުގެ ފަރާތުން ކުރިޔަށް ގެންދާ 'އަމާން ވެށި' ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

29 މޭއި 2019     4 years ago


ޕޮލިހުގެ ފަރާތުން ކުރިޔަށް ގެންދާ 'އަމާން ވެށި' ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕޮލިހުގެ ފަރާތުން 'އަމާން ވެށި' ގެ ނަމުގައި އައްޑޫގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ޖޫން 18 ވަނަ ދުވަހުން 30 ވަނަ ދުވަހާ ހަމައަށް ހިންގާ މިޕްރޮގްރާމުގައި އާންމުންނަށް ހުޅުވާލައިގެން ކަސްރަތު ޕްރޮގްރާމަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވާ ހަވީރަކާއި ސްކޫލު ކުދިންނަށް ހިންގާ ހަރަކާތްތަކެއް ހިމެނެއެވެ.

މިޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ކައުންސިލާއެކު ޕޮލިހުގެ ފަރާތުން ބޭއްވެވި ބައްދަލުވުމުގައި އެފަރާތުން ވިދާޅުވި ގޮތުގައި ޖޫން މަހުގެ ފަހު ދެހަފްތާގައި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާއިރު ފުރަތަމަ ހަފްތާގައި ސްކޫލް ކުދިންނަށް ބާއްވާ ކޭމްޕް އޮންނާނީ ހިތަދޫ ސްކޫލުގައި ކަމަށެވެ. އަދި ދެވަނަ ހަފްތާގައި ކޭމްޕް އޮންނާނީ ޝަރަފުއްދީން ސްކޫލުގައި ކަމަށެވެ. އަދި ކޮންމެ ކޭމްޕެއްވެސް ހިންގާނީ 115 ވަރަކަށް ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން ކަމަށެވެ.

ޕޮލިހުން މަޢުލޫމާތު ދެއްވި ގޮތުގައި ސްކޫލް ދަރިވަރުންނަށް ހިންގާ ކޭމްޕް ހަރަކާތް ކުރިއަށް ދާއިރު އާންމުންނަށް ހިންގާ ކަސްރަތު ހަރަކާތްތައްވެސް ރަށުތެރޭގައި ކުރިއަށް ދާނެ ކަމަށެވެ. މިކަސްރަތު ޕްރޮގްރާމުގައި ބައިވެރިންނަށް ދަސްކޮށްދެއްވުމަށް ޕޮލިހުގެ ފަރާތުން އެކަމަށް ޙާއްސަ އިންސްޓްރަކްޓަރުން ތިއްބަވާނެއެވެ. އަދި ކަސްރަތު ކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކާއި ގޮތްތައް ދަސްކޮށްދޭނެއެވެ.

'އަމާން ވެށި' ޕްރޮގްރާމު ނިންމުމުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިސްރަށްވެހިންނަށް ބާއްވާ ހަވީރެކެވެ. މިހަރަކާތަކީ އުމުރުން 65 އަށް ވުރެ މަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ހަރަކާތެކެވެ.

އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ކަސްރަތު ޕްރޮގްރާމައި އިސްރަށްވެހިންގެ ހަވީރުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުމަށް ގުޅުއްވާނީ 9791612 އަށެވެ.