އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯއްދަވައިފި

12 އޮކްޓޯބަރ 2016     7 years ago


އައްޑޫސިޓީ ކައުންސިލުން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯއްދަވައިފި

ގަން އެއާޕޯޓްގައި ހިނގަމުންދާ ބައެއް މަޝްރޫޢުތަކާ އެ ކަންތައްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު އައްޑޫސިޓީ ކައުންސިލުން ހޯއްދަވައިފިއެވެ. މި މަޢުލޫމާތު ކައުންސިލުން ހޯއްދެވީ، އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭފުޅުންނާއެކު ބޭއްވުނު ބައްދަލަވުމުއްގައެވެ.  

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، މޭޔަރ ޢަބްދުﷲ ސާދިޤާއި، ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބް އާއި، ކައުންސިލަރ ޢަލީ ފަހުމީ އަޙުމަދާއި، ކައުންސިލަރ މުޙައްމަދު ޔަސްރިފްގެ އިތުރުން ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަނެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މިހާރު ގަމުގައި މަސައްކަތް ކުރެވުމުންދާ ރަންވޭ އާ ބެހޭ ގޮތުންނާއި ސީ ޕްލޭން ބޭސް ޤާއިމް ކުރުމުގެ މަސައްކަތް ތަކާ ބެހޭ ގޮތުން އޮޅުންފިލުއްވިއެވެ. އަދި ގަމުގައި އަޅަން ނިންމާފައިވާ އެއާޕޯޓް ހޮޓެލް އަދި ސްރީލަންކަން އެއާލައިންސް ގެ ދަތުރުތައް ފެށުމަށް ވެފައިވާ ތައްޔާރީތަކާއި ބެހޭ ގޮތުންވެސް ކަންކަން އޮޅުންފިލުއްވިއެވެ.

ކައުންސިލްގެ ބޭފުޅުންނަށް އެއަރޕޯޓްގައި ހިނގަމުންދާ މަޝްރޫޢުތަކާބެހޭ މައުލޫމާތު ދެއްވީ އެއާރޕޯޓް ކޮންޕެނީގެ ޑެޕިއުޓީ މެނޭޖަރ އޮޕަރޭޝަންސް އަހްމަދު ޝަފީޤް އެވެ.  އައު ރަންވޭގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމަޔަށް އައިސްފައި ކަމަށާއި، މިހާރު ކުރަމުންދަނީ އަލަށް އެޅި އޭޕަރަންގެ ޑިފެކްޓްސްތައް ހޯދައި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ޝަފީޤު މައުލޫމާތު ދެއްވިއެވެ. އައު ރަންވޭ ނޮވެންބަރު މަހުގެ ފަހުކޮޅު ހުޅުވޭވަރު ވާނެ ކަމަށާއި، އަދި ރަންވޭ އާއެކު ސީޕްލޭން ބޭސްގެ މަސައްކަތްތައް ވެސް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ޝަފީޤު ހާމަކުރެއްވިއެވެ. ސްރީލަންކަން އެއާލައިންސް އިން ގަމަށް ފެށުމަށް ރާވަމުންދާ ދަތުރުތަކަށް ކޭޓަރ ކުރެވެނޭ ވަސީލަތްތައް އެބަހުރި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ގްރައުންޑް ހެނޑްލިނގް އިކުޕްމެންޓް އިތުރުކުރަން ޖެހޭނެ ކަމަށެވެ. އެއާޕޯޓް ހޮޓެލް ގެ މަސައްކަތާ ބެހޭ ގޮތުން މިވަގުތު އެއްޗެއް ދަންނަވަން ދަތިކަމަށް ޝަފީޤް މަޢުލޫމާތު ދެއްވިއެވެ.

ގަމުގެ އެއަރޕޯޓްގެ އައުރަންވޭގެ މަސައްކަތް ނިމުމުން ރާއްޖޭގެ އެންމެ ދިގު ރަންވޭ އޮތް އެއާޕޯޓަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނެއެވެ. އަދި ގަމުގައި ސީޕްލޭން ބޭސް އެއް ޤާއިމް ކުރިވެގެން ދިއުމަކީ އައްޑޫސިޓީގެ ފަތުރުކަމަށް ލިބަގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެއެވެ.