އައްޑޫސިޓީގައި، ބައިނަލްއަޤުވާމީ ޝެފުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރާކާތްތަކެއް ބޭއްވުމަށްޓަކައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ގެ ފަރާތުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވަމުންދާ މި ހަރަކާތަކީ މިއަހަރުގެ ޝެފުންގެ ދުވަހާއި ދުނިޔޭގެ ކާބޯ ތަކެތީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތެކެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރާކަތުގައި މި ދާއިރާ އަށް ޝައުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި "އާރޓް އޮން އަ ޕްލޭޓް" ގަ ނަމުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްކުމުގެ މުބާރާތެއްގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ބާއްވާ ކަލިނަރީ ކޮންޕެޓިޝަނެއްވެސް ކުރިއަށް ގެންދާނެއެވެ.
"މި އިވެންޓްގެ އެންމެ ބޮޑު ބޭނުމަކީ ޝެފުންނާމެދު އާންމުން ދެކޭ ގޮތް ބަދަލު ކުރުން." މިބައްދަލުވުމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ގެ ނާއިބު ރައީސް އިސްހާގް ސާލިހް ވިދާޅުވިއެވެ. "މިދާއިރާ އަކީ ރާއްޖޭއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމަށް ވަރަށް މުހިއްމު ދާއިރާއެއްކަމުން ދިވެހިން މިކަމުގެ ތެރެއަށް ވަނުމުން އޭގެ ފައިދާ ކުރާނެ."
މިމަހުގެ 29 ވަނަ ދުވަހު އިރުޝާދިއްޔާ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ވަނަތައް ލިބޭ ފަރާތްތަކަށް ތަށްޓާއި މެޑަލް ދިނުމަށް ވަނީ ރޭވިފައެވެ.