އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ އެވޯޑް 2019" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

8 އޯގަސްޓް 2019     4 years ago


"އައްޑޫ އެވޯޑް 2019" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އައްޑޫއަށް ރީތި ނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކަށް ދޭ އިނާމު "އައްޑޫ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.

މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުޢައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢައްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތާއި އެފަރާތްތަކަށް ލިބޭ ރީތި ނަން ބަލައިގަނެ ހިތްވަރުދީ އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލުން އިންތޒާމުކޮށްގެން ދޭ މިއެވޯޑަކީ ކޮންމެ ތިން އަހަރަކުން އެއްއަހަރު ދޭ އެވޯޑެކެވެ.

އައްޑޫ އެވޯޑް ބަހާލެވިފައިވަނީ ހަތަރު ގިންތިއަކަށެވެ. އެއީ ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމާއި ޚިދުމަތުގެ އިނާމާއި މަތީ ދަރަޖަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ އިނާމެވެ.

ޝަރަފުވެރިކަމުގެ ޚާއްޞަ އިނާމަކީ، އައްޑޫސިޓީއަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސިޓީ ފެންވަރުގައި ކައުންސިލުން ދޭ އިނާމެކެވެ. ހިތްވަރުދިނުމުގެ އިނާމަކީ އައްޑޫސިޓީއަށް ބޭނުންތެރި ޚިދުމަތެއް ދެމުން އެޚިދުމަތް ދިނުންމަތީ ދެމިހުރި ފަރާތްތަކަށް ދެވޭ އިނާމެކެވެ. މަތީ ދަރަޖައިގެ އިނާމަކީ ޚިދުމަތާއި ހިތްވަރާއި ހުނަރު އަދި ޢިލްމީގޮތުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކައުންސިލުން ދޭ އިނާމެކެވެ. އަދި ޚިދުމަތުގެ އިނާމަކީ އައްޑޫސިޓީއަށް ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތެއް ދިގު މުއްދަތަކަށް ކޮށްދީފައިވާ ފަރާތްތަކަށް ދެވޭ އިނާމެކެވެ.

އައްޑޫ އެވޯޑުގައި އިނާމު ދެވޭ މައިގަނޑު ދާއިރާތަކަކީ ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައިދިނުމާއި ޤުރުއާނުގެ ޢިލްމުގެ ދާއިރާއާއި، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްކުރުމާއި ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޟާދީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއާއި، ތާރީޚަށް ޚިދުމަތްކުރުމުގެ ދާއިރާއާއި، ޕަރފޯމިންގ އާޓްސްއާއި ވިޜުއަލް އާޓްސް އަދި އެޕްލައިޑް އާޓްސްގެ ދާއިރާއާއި، ފަތުވެރިކަމުގެ ދާއިރާއާއި، އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާ އަދި ޚަބަރާއި މަޢުލޫމާތުގެ ފެތުރުމުގެ ދާއިރާއެވެ.

އައްޑޫ އެވޯޑް ލިބޭނީ އަމިއްލަގޮތުން، އެހެން ފަރުދަކު، ޖަމްޢިއްޔާ ޖަމާޢަތްތައް، ކުންފުނި، ދައުލަތުގެ އިދާރާ، މިނިވަން މުޢައްސަސާ، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން އިނާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

މިއެވޯޑް ދިނުން އެންމެ ފަހުން ބޭއްވިފައިވަނީ 2017 ވަނަ އަހަރުއެވެ.