އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ޓޫރިޒަމް ތަރައްޤީކުރުމާ ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ މާލޭގައި

11 ސެޕްޓެމްބަރ 2019     4 years ago


އައްޑޫގެ ޓޫރިޒަމް ތަރައްޤީކުރުމާ ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ މާލޭގައި

އައްޑޫސިޓީގެ ޓޫރިޒަމް ތަރައްޤީކުރުމަށް ކުރެވޭ ތަސައްވަރާއިގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއެކު ބޭއްވުމަށް ނިންމަވާފައިވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިރޭ މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއެކު އޮންނާނެއެވެ.

މިސަރުކާރުގެ ވައުދުނާމާގެ ތެރޭގައި އައްޑޫގެ ޓޫރިޒަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައި ގިނަ ވައުދުތަކެއްވެ އެކަންކަން ހަގީގަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު ކައުންސިލުން ބާއްވާ މިބައްދަލުވުންތަކަކީ އައްޑޫގެ ކަންކަންރޭވިފައިވާ ގޮތް ރައްޔިތުންނާ ހިއްސާކޮށް ހިޔާލު ހޯދައި، ރައްޔިތުން ވީހާވެސް ބޮޑަށް ބައިވެރިކޮށްގެން މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުންތަކަކެވެ.

މިގޮތުން މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މިރޭ 20:30 ގައި މާބަލް ހޮޓެލްގައި އޮތްއިރު، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރުން އޮތީ މިމަހުގެ 15 ވަނަ ދުވަހު އަތޮޅު މަދުރަސާގައެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރުން 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހު ޝަރަފުއްދީން ސްކޫލުގައެވެ.