އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނަރުދަމާ ޤާއިމް ކުރުމާ ގުޅޭ ގޮތުން އާ ސާރވޭ އެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި

12 އޮކްޓޯބަރ 2016     4 years ago


ނަރުދަމާ ޤާއިމް ކުރުމާ ގުޅޭ ގޮތުން އާ ސާރވޭ އެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި

އައްޑޫގެ ތަރައްޤީއާ ގުޅިފައިވާ ކަންކަމުގައި އަބަދުހެން ސާރވޭއެއްގެ ވާހަކަ އަޑު އިވޭނެއެވެ. މިއީ އާ ވާހަކައެއް ނޫނެވެ. މި ސަރުކާރުންވެސް އައްޑޫގެ ތަރައްޤީއަށް އިސްކަންދެއްވާ ވަރު އެނގިގެން ދިޔައީ، އައްޑޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ފެށި ސާރވޭ އިންނެވެ. ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ފަރާތުން މި ސާރވޭ ފެށުމުގެ ގޮތުން މިދިއަ ހަފުތާގައި ވަނީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

ޕްރޮޖެކްޓް ފެށުމުގެ ކުރިން ލަފަޔާ މަޝްވަރާ ހޯދުމުގެ ގޮތުން އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި އެމް.ޑަބްލިއު.އެސް.ސީ އަދި ކައުންސިލްގެ ބޭފުޅުންގެ އިތުރުން ހައުސިންގް މިނިސްޓްރީގެ ދެ ކޯޑިނޭޓަރުން ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި އެމް.ޑަބްލިއު.އެސް.ސީ ގެ އިންޖިނިއަރިންގް މެނޭޖަރ މުހައްމަދު އިމްރާން އަދްނާން މައުލޫމާތު ދެއްވި ގޮތުގައި ނަރުދަމާ ގާއިމް ކުރަން ފުރިހަމަ ކުރަންޖެހޭ ސާވޭ އަދި އީ.އައި.އޭ ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތް ކުރަން އެންވަޔަރަންމެންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޯޕް ހިއްސާ ކުރެއްވުމުން ކައުންސިލުން ވަނީ އެއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިގޮތުން މޭޔަރަ އަބްދުﷲ ޞާދިޤް ފަހަގަ ކުރެއްވި ގޮތުގައި މި ޕްރޮޖެކްޓްގައި ކަނޑައެޅިފައިވާ ސްކޯޕް ގެ ދަށުން މިހާރު އަޅަމުންދާ ޕޮލިސް ޓްރެއިނިންގް ސްކޫލް، ސަރަހައްދީ ބަނދަރު، މަރުކަޒީ އިންޖީނުގެ އަދި ފެން ޕްލާންޓް ސަރަހައްދުވެސް ނުހިމެނޭ ކަމަށެވެ. މި ސަރަހަދުތަކަށް ފަހުން ނަރުދަމާ އަޅަންޖެހޭ އިރު އުނދަގޫ ވާނެ ކަމަށާއި ގައުކެނޑިއާ ހަމަޔަށް ސްކޯޕް ފުޅާކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކުރިން ނަރުދަމާ ގާއިމް ކުރިއިރު ސާވޭ އަދި އީ.އައި.އޭ ވަނީ ހެދިފައި ކަމުން އަލުން އެކަމަށްޓަކައި ޚަރަދު ކުރުމަކީ ބޭކާރު ކަމެއްކަމަށެވެ. މޭޔަރ ގެ ވާހަކަފުޅުތަކަށް ތާއީދުކުރައްވާ ހައުސިންގް މިނިސްޓްރީގެ ފަރާތުން ކޯޑިނޭޓަރ މުހައްމަދު ފައިސަލް  ވިދާޅުވި ގޮތުގައި ހިތަދޫ ނިމޭ ސަރަހައްދަކީ ގައުކެނޑި ކަމަށް ވުމުން އެ ހިސާބަށް ނަރުދަމާ އަޅެން ޖެހޭ ކަމަށެވެ. އަދި ސްކޯޕް ކަނޑައެޅިއިރު ހައުސިންގް މިނިސްޓްރީގެ ލަފާ އެއްވެސް ވަރަކަށް ހޯދިފައި ނުވާ ކަމަށްޓަކައި ހިތާމަ ކުރާކަމުގައި ވިދާޅުވިއެވެ.