އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބަންގްލަދޭޝް އެމްބަސީގެ ފަރާތުން މިއަދު ކައުންސިލާ ބައްދަލުކުރައްވައިފި

26 ސެޕްޓެމްބަރ 2019     1 year ago


ބަންގްލަދޭޝް އެމްބަސީގެ ފަރާތުން މިއަދު ކައުންސިލާ ބައްދަލުކުރައްވައިފި

ދިވެހި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ހެޑް އޮފް ޗާންސެރީ، ޑރ. މުޙައްމަދު ހާރުން ރަޝީދު މިއަދު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އެއް އަހަރު ދުވަހަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކޮށްފައިވާ މިދަނޑިވަޅުގައި، ޑރ. މުޙައްމަދު ހާރުން ރަޝީދު އައްޑޫއަށް ކުރައްވާ މިދަތުރުފުޅަކީ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމަށާއި އެކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޙައްމަދު ހާރުން ރަޝީދު ވިދާޅުވިގޮތުގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނަކީ ގަވާއިދާ އެއްގޮތަށް އެތެރެވާ މީހުން ކަމަށާއި އެހެންކަމުން އެމީހުން އިލީގަލް ވޯކަރުންގެ ގޮތުގައި ސިފަކުރުމަށްވުރެ އަންޑޮކިއުމެންޓެޑް ވޯކާސްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ.

ޑރ. މުޙައްމަދު ވިދާޅުވިގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވާ މައްސަލައަކީ ޕާސްޕޯޓް ނެތި އުޅޭ މައްސަލަކަމަށެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މިމައްސަލަ ހައްލުކުރުމަށް މިހާރު އެމްބަސީން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓް ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެހެން ގޮތަކުންވެސް ޕާސްޕޯޓް ނެތި އުޅޭ ބަންގްލަދޭޝް މީހުން އުފަން ދުވަހުގެ ސަޓިފިކެޓާއި އައިޑީ ކާޑް އަދި ޕޮލިސް ރިޕޯޓް އެންބަސީއަށް ހުށަހެޅުމުން އައު ޕާސްޕޯޓް ހެއްދޭނެ ގޮތް ހަމަޖައްސަވާފައިވާ ކަމަށެވެ. އެއާއެކު އައިޑީ ކާޑް ނެތް މީހުންނަށް އުފަން ދުވަހުގެ ސަޓިފިކެޓާއި ޕާސްޕޯޓް ކޮޕީ ގެނެސް އެމްބަސީގައި ރަޖިސްޓްރީވުމުން ރާއްޖޭގައި ހުރެގެން ސްމާޓް އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތްވެސް ކުރިއަށް ދާނެ ކަމަށެވެ.

ޑރ. މުޙައްމަދު އިތުރަށް ވިދާޅުވިގޮތުގައި ބަންގްލަދޭޝް މަސައްކަތްތެރިން ގަވާއިދާ އެއްގޮތް ކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ އައިޑީ ނެތި ދަތުރު ކުރުމަށް ހުރި ހުރަހުގެ ސަބަބުން އެމްބަސީއާ ހަމައަށް ދާން ހުރި އުދަގުލެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް 6 ހަމަސް ދުވަހުގެ ވަގުތީ އައިޑީ ކާޑް ދޫކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކާއެކު ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ނުގަވާއިދަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެ ހޯދުމަށް ޑރ. މުޙައްމަދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާދަމާ ރޭ 20:00 އިން ނޫރާނީ ސްކޫލުގައި ބަންގްލަދެޝްގެ މަސައްކަތްތެރިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.