އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގޭދޮށުމަސްޕަލާންޓްގެ ކޮންސަލްޓަންސީގެ ޚިދުމަތަށް ބަޔަކު ހޯދަނީ

7 ޖެނުއަރީ 2020     4 years ago


އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫގައި ގޭދޮށު މަސްޕްލާންޓް ގާއިމުކުރުމުގެ ބޭނުމަކީ، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާއްވަތްތައް އުފެއްދުމެވެ. މިގޮތުން ކޮންމެ މަސްޕްލާންޓެއް ގާއިމު ކުރެވޭނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސް ޕްލާންޓްތަކުން މަސްކިރުމާއި، ސާފުކުރުމާއި، ފިނިކުރުމާއި، ގަނޑުކުރުމާއި، ވެކިއުމް ޕެކް ކުރުމާއި، ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓް ކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސްޕްލާންޓްތައް ގާއިމުކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސްގަނެ ޕްރޮސެސް ކުރުމަށް މަގު ފަހިވެގެންދާނެއެވެ.

މަސްޕްލާންޓުތައް ތައްޔާރުކޮށް ހިންގަން ފެށުމަށް 6 މަސް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު، ގޭދޮށު މަސްޕްލާންޓަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަނެއް ބޭނުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސްގަތުމާއި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރުކުރުމާއި އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމެވެ.

އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި މަސްޕްލާންޓްތައް ގާއިމުކުރެވެނީ، ހިތަދޫ، މަރަދޫ އަދި ހުޅުދޫ ގައެވެ.