އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ހަދާ ބީޗްތަކަށް އޮޕްޝަންސް އެނަލިސިސް އާއި އީއައިއޭ ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް އޮމްނި ސޮލިއުޝަންސްއާ ހަވާލުކޮށްފި

2 މާރޗް 2020     1 year ago


އައްޑޫގައި ހަދާ ބީޗްތަކަށް އޮޕްޝަންސް އެނަލިސިސް އާއި އީއައިއޭ ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް އޮމްނި ސޮލިއުޝަންސްއާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް އެންމެ އެކަށޭނެ ސަރަހައްދުތައް ހޯދުމަށް އޮޕްޝަންސް އެނަލިސިސްއެއް ހެދުމާއި، އަދި ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗްހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އެންވަޔަރަންމަންޓް އެސެސްމަންޓް (އީ.އައި.އޭ) ހަދައި ބީޗް ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އޮމްނި ސޮލިއުޝަންސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އެވެ. އަދި އޮމްނި ސޮލިއުޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މުޙައްމަދު ރިއާޟް އެވެ.

މި އެއްބަސްވުމުގެ ދަށުން ގައުކެނޑި ބްރިޖް ސަރަހައްދުގައި 200 މީޓަރުގެ ބީޗަކާއި އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ އަދި ހިތަދޫގެ އިތުރުން ފޭދޫގެ ޓުއަރިޒަމް ޒޯނުތަކުގައި ބީޗްތައް ހެދުމަށް، އެސަރަހައްދުތަކުގައި އޮޕްޝަންސް އެނަލިސިސްއެއް ހެދޭނެއެވެ. އަދި މިމަރުހަލާއިން ޚިޔާރުކުރެވޭ ސަރަހައްދުތަކާއި ބީޗް ހެދުމަށާއި ވެލި ނަގާނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދުގެ އީ.އައި.އޭ ހެދުމާއި، ފޭދޫ ސްވިމިންގ ޓްރެކް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފުން ކުރުމަށް އެސަރަހައްދުގެ އީ.އައި.އޭވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބީޗް ހެދުމަށް އެންމެ އެކަށީގެންވާ ސައިޒު ކަނޑައަޅައި ބީޗް ޑިޒައިންކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 922،200ރ. (ނުވަލައްކަ ބާވީސްހާސް ދުއިސައްތަ ދިވެހި ރުފިޔާ) އެވެ.