އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކުރައްވައިފި

22 ޖުލައި 2020     3 years ago


އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކުރައްވައިފި

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް ހިންގުމަށް ދެވޭ އެހީގެ ދަށުން އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫމީދޫގައި ގޭދޮށު މަސް ޕްލާންޓްތައް ޤާއިމުކޮށް ހިންގުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކުރައްވައިފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ މިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި އިންޑިއަން ހައި ކޮމިޝަނަރ، ޝްރީ ސަންޖޭ ސުދީރުވެސް ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

އެގޮތުން މަރަދޫގައި ޤާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ލޮޖިސްޓިކްސް އެންޑް އޮޕަރޭޝަންސް އަލްފާޟިލް ބައްސާމް ތައުފީގް އެވެ.

މި އެއްބަސްވުމުގެ ދަށުން މަރަދޫގައި ޤާއިމުކުރެވޭ މަސް ޕްލާންޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް  ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި މި މަޝްރޫޢަށް 6،000،000ރ.  (6 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން އެވެ. އަދި ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑުން 22،100،000ރ. (22 މިލިއަން އެއްލައްކަ ދިވެހި ރުފިޔާ ) އިންވެސްޓްކުރުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން ހުޅުދޫމީދޫގައި ޤާއިމްކުރާ ގޭދޮށު މަސްޕްލާންޓްގެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ މެކޯ ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި މެކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ޖާވިޒް އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުދޫމީދޫގެ މަސް ޕްލާންޓުގެ ފުރަތަމަ ފޭސް ގެ މަސައްކަތް 11 މަސް ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި މި މަޝްރޫޢަށް 6،000،000ރ.  (6 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން އެވެ. އަދި މެކޯ ޕްރައިވެޓް ލިމިޓެޑުން 6،613،714ރ. (ހަ މިލިއަން ހަ ލައްކަ ތޭރަ ހާސް ހަތްސަތޭކަ ސާދަ ދިވެހި ރުފިޔާ ) އިންވެސްޓްކުރުމަށް ނިންމަވާފައިވެއެވެ.

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މޭޔަރ ޢަބްދުﷲ ޞާދިޤް ދެއްކެވި ވާހަކަފުޅުގައި މިފަދަ  އިޤްތިޞާދީ މަންފާ ލިބިދޭ މަޝްރޫޢުތަކުން ރަމުޒުކޮށްދެނީ މިއަދުގެ ސަރުކާރުން މިސިޓީގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން ކަމުގައި ފާހަގަކުރެއްވި އެވެ. މިއަދު ސޮއިކުރެވުނު މަޝްރޫޢުތައް މިމަރުހަލާ އާއި ހަމަޔަށް، ކޮވިޑް19 ގެ ދަތި ދުވަސްތަކުގައިވެސް ގެންދެވިފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކުން ދެއްވި ވަރަށް ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމުގައި މޭޔަރ ވިދާޅުވި އެވެ. އެގޮތުން އިންޑިއަން ހައި ކޮމިޝަނަރަށާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމުގައި ކެނޑިނޭޅި ދެއްވަމުން ގެންދެވި އެއްބާރުލެއްވުން  ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ނަފާ އިތުރުވެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާ ޚާއްސަ މަޝްރޫޢަކަށް ވެފައި، މަސްވެރިންނަށް ލިބެމުންދާ އާމްދަނީ އިތުރުކުރުމަށް ފުރުސަތުތަކެއް ފަހިވެގެން ދާއިރު، ވަޒީފާގެ ފުރުސަތުތައްވެސް މި މަޝްރޫޢުގެ ސަބަބުން އިތުރުވެގެން ދާނެއެވެ. އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަރަދޫ އާއި ހުޅުދޫމީދޫގައި ޤާއިމު ކުރެވޭ މަސް ޕްލާންޓްތަކުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުވެގެން ދާނެއެވެ.  އަދި މި މަސްޕްލާންޓްތައް ޤާއިމުކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތްވެސް  ކުރެވޭނެއެވެ.