އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ފްލެޓުތަކުގެ މެއިންޓަނަންސްއާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީ އާއި އެޗްޑީއެފްސީ އިން ކައުންސިލާ މަޝްވަރާކުރައްވައިފި

9 ސެޕްޓެމްބަރ 2020     3 years ago


އައްޑޫ ސިޓީގެ ފްލެޓުތަކުގެ މެއިންޓަނަންސްއާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީ އާއި އެޗްޑީއެފްސީ އިން ކައުންސިލާ މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ މެއިންޓަނަންސްއާ ގުޅޭގޮތުން މިއަދު މިނިސްޓްރީ އޮފް ހައުސިންގ، ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފި އެވެ.

އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން މޭޔަރ ޢަބްދުﷲ ޞާދިޤް ވަނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ފްލެޓުތަކަށް އަދި ހުޅުދޫ ފްލެޓްތަކަށް ދިމާވެފައިވާ މައްސަލަތައް ޙިއްޞާކުރައްވައިފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ފާހަގަކުރެއްވި ބައެއް މައްސަލަތަކުގެ ތެރޭގައި ފްލެޓުތަކުގެ ފެން ވައިރިންގ ކޮށްފައިވާ ގޮތުގެ ސަބަބުން ވަޅު ފެނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފޯރުކޮށްދެމުން އަންނަ ތާޒާ ފެނުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ކްރޮސް ކަނެކްޝަނެއް ހެދުމުގެ ސަބަބުން ދިމާވާ އުނގަދޫތަކުގެ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ފްލެޓުތަކުގެ ލޭންޑްސްކޭޕިންގ ނުހެދި ލަސްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ފްލެޓުތަކުގެ މަރާމާތުގެ މަސައްކަތް ނިމި ފައިސާ ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ފައިސާ ނުލިބި ލަސްވާ މައްސަލަވެސް ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މެއިންޓަނަންސްގެ ފައިސާ ލިބިފައި ނުވާ މައްސަލަ މޭޔަރ ފާހަގަކުރެއްވިއެވެ.

އަދި ފްލެޓުތަކުގެ ވަށައިގެން ޖަހާފައިވާ ފެންސް ނެގުމުގެ ސަބަބުން އެއްވެސް ހިފެހެއްޓުމެއް ނެތި ޢާންމުންނަށް އެ ސަރަޙައްދަށް ވަދެވޭ ގޮތަށް އޮތުމުން ދަތިވާ މައްސަލައާއި، ފްލެޓުތަކުގެ ފާޚާނާގެ ސީލިންގުން ފެން ފައިބާ މައްސަލައާ ގުޅޭގޮތުންވެސް ވަނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މޭޔަރ ވަނީ ފްލެޓުތަކުގެ ބައެއް ޢިމާރާތްތަކުގެ ތަޅުމުގައި ޖަހާފައިވާ މުށިތައް ނެއްޓުމާއި، ތަޅުމުންނާއި ފާރުތަކުން ފެން ލީކުވާ މައްސަލަވެސް މޭޔަރ ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ފްލެޓުތަކާއި ހަވާލުވުމަށްފަހު ޤަވާއިދާ ޚިލާފަށް ކުއްޔަށް ދޫކުރާ މައްސަލައާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތައްވެސް ވަނީ މި ބައްދަލުވުމުގައި ޙިއްސާކުރައްވައިފައެވެ. އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ، އިބްރާހިމް ޝުކުރީ ވިދާޅުވީ ހުޅުދޫގެ ފްލެޓުތަކުގެ ފެން ވައިރިންގ ރަނގަޅަށް ކޮށްފައި ނުވުމުގެ ސަބަބުން ފްލެޓުތަކުގެ ފާޚާނާތަކުން ފެން ލީކުވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށެވެ. މީގެ އިތުރުން ފްލެޓުތަކަށް ވަޅު ފެން ނެގުމަށް ގުޅާފައިވާ ހޮޅިތައް ހަލާކުވެފައިވާކަންވެސް ކައުންސިލަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރގެ އިތުރުން ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް އާއި، ފޭދޫ ދާއިރާގެ ކައުންސިލަރ، ޢަލީ ފަހުމީ ޢަހްމަދު އާއި މަރަދޫ ދާއިރާގެ ކައުންސިލަރ، ފައިސަލް އިބްރާހިމް އަދި ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުކުރީގެ އިތުރުން ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަންތަކުގެ ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.