އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެސްޓީޔޯގެ ފޭދޫ ފިހާރަ ރީލޮކޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

28 ޑިސެމްބަރ 2013     7 years ago


ފޭދޫ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްޓީގެ ސ.ފޭދޫ ފިހާރަ މިހާރު ހުންނަ އިމާރާތް އެހެން ދިމާލަކަށް ރީލޮކޭޓް ކުރުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެސްޓީޔޯގެ އާމެނޭޖްމެންޓާއި އެކު މަޝްވަރާކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ މެމްބަރުންނާއި އެސްޓީޔޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްގެ އިތުރުން އެސްޓީޔޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގެ އެސްޓީޔޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މިދަނޑިވަޅަކީ އެސްޓީޔޯއަށް ދިމާވެފައިވާ ވަރަށް ދަތި ދުވަސްވަރަކަށް ވާތީ ހުރިހާ ދިމާލަކުންވެސް ހަރަދު ކުޑަކުރުމަށް ނިންމާފައިވާތީ މިވަގުތު ފޭދޫފިހާރަ ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމަކީ ދަތިކަމަށްވާތީ އިތުރު މުއްދަތެއް އެފަރާތަށް ދިނުމަށެވެ.

އެސްޓީޔޯއިން އެދޭ ކޮންމެ ކަންކަމުގައި އައްޑޫސިޓީކައުންސިލްގެ ފުރިހަމަ އެއްބާރުލުން މިހާތަނަށް ލިބިފައިވާތީ އެކަމަށްޓަކައި އެސްޓީޔޯގެ މެނޭޖިންގ ޑިރެކްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާގައިވެސް އައްޑޫސިޓީ ކައުންސިލްގެ އެއްބާރުލުން ހުރިހާ ކަމެއްގައި ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ކައުންސިލުން އެދޭ ކޮންމެ ކަމެއްގައި އެސްޓީޔޯގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް މެނޭޖިންގ ޑިރެކްޓަރ ދެއްވިއެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލްފާޟިލް އަބުދުﷲ ޞާދިގު ދެއްކެވި ވާހަކަފުޅުގައި ކައުންސިލްގެ ފަރާތުން ކޮންމެކަމެއްގައިވެސް އެސްޓީޔޯއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ފޭދޫގައި މިހާރު ހިންގަމުންދާ އެސްޓީޔޯ އިމާރާތް ރީލޮކޭޓްވެގެން ދާއިރު ލިންކްރޯޑާ ދިމާލުން އެސްޓީޔޯއަށް މިހާރު ދިނުމަށް ހަމަޖެހިފައިވާ ބިމުގައި ދިހަބުރީގެ އިމާރާތެއް ހެދުމަށް ކުރީގެ މެނޭޖްމަންޓާ އެކު ވާހަކަ ދެކެވިފައިވާކަން މޭޔަރ ފާހަނގަ ކުރެއްވިއެވެ.