އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

10 ނޮވެމްބަރ 2020     3 years ago


އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އޭ.އީ.އެޗް އަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ކެއަރ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ކަމަށެވެ.

މީގެ އިތުރުން އޭ.އީ.އެޗްގައި މިވަގުތު އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތްކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުންނާއި ބޭރު ޤައުމުތަކުންވެސް އޭ.އީ.އެޗް އަށް ރަނގަޅު ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާރު ހޮސްޕިޓަލުގައި ތިއްބެވި ޑޮކްޓަރުންގެ ތެރެއިން އެކަށީގެންވާ ފެންވަރު ނެތް ޑޮކްޓަރުން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ އޭ.އީ.އެޗްގެ މުޅި އިދާރީ އޮނިގަނޑު ބަދަލުކޮށް އިތުރަށް ހަރުދާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި އޭ.އީ.އެޗް އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހިލޭ ގުޅޭ ހަތަރު ނަންބަރުގެ ޚާއްޞަ ފޯނު ނަންބަރެއްވެސް ތަޢާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ޞިއްޙީ މަރުކަޒުތަކަކީވެސް އޭ.އީ.އެޗްގެ ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ފާހަގަކުއްވަމުން ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ތާވަލްކޮށްގެން ޞިއްޙީ މަރުކަޒުތަކަށް ބަލިމީހުން ބެއްލެވުމަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެއްދެވުމަށް އޭ.އީ.އެޗް އަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ޞިއްޙީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭ.އީ.އެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އަދި އޭ.އީ.އެޗް އަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް މީހުން އަންނަ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ޞަރަޙައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ޚާއްޞަކޮށް އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވީ އޭ.އީ.އެޗް އާއި އައްޑޫ ސިޓީން ލިބެން ހުންނަ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން ޕަބްލިކް ހެލްތުގެ ބައެއް މަސްއޫލިއްޔަތުތައް ކައުންސިލާވެސް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، އޭ.އީ.އެޗް އާއެކު ޕަބްލިކް ހެލްތުގެ ދާއިރާއިން އެކި އެކި ޕްރޮގްރާމްތައް އާންމުންނަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރ އާއި އޭ.އީ.އެޗްގެ ސީ.އީ.އޯ، މުޙައްމަދު ޞާލިޙްގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އަވަށު އޮފީސްތަކުގެ އިސްވެރިންނާއި، އޭ.އީ.އެޗްގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.