އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އަލްފާޟިލް އާދަމް އާޒިމް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

24 ނޮވެމްބަރ 2020     5 months ago


އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އަލްފާޟިލް އާދަމް އާޒިމް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އާދަމް އާޒިމް، އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަކީ އެކުންފުނިން އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިއަދު ހެނދުނު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އަލްފާޟިލް އާދަމް އާޒިމް ވަނީ އެ ކުންފުނިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވައިފައެވެ. މިގޮތުން އައްޑޫ ސިޓީގައި އެމް.ޓީ.ސީ.ސީން މިހާރު ޖުމްލަ ފަސް މަޝްރޫޢަކާއި، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ތިން މަޝްރޫޢެއް ކުރިއަށްގެންދާ ކަމުގައި އަލްފާޟިލް އާދަމް އާޒިމް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އަލްފާޟިލް އާދަމް އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމުގައެވެ. މީގެ އިތުރުން ހުޅުދޫ ބަނދަރުގެ 38 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި މަރަދޫ ބަނދަރުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައިވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރް މަޝްރޫޢެއްގެ ގޮތުގައި މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވީ އެމް.ޓީ.ސީ.ސީން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާއިރު، އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުންޏާއެކު މިފަދަ މަސައްކަތްތައް އައްޑޫ ސިޓީގައި ކުރިއަށްގެންދެވޭނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އެމް.ޓީ.ސީ.ސީގެ ބައެއް އިސްވެރިންނާއި، އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންގެ އިތުރުން ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުން ބައިވެރިވެލެއްވިއެވެ.