އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަސްގެ މެނޭޖްމަންޓުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

25 ނޮވެމްބަރ 2020     3 years ago


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަސްގެ މެނޭޖްމަންޓުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ސ. ހިތަދޫ ކެމްޕަސްގެ މެނޭޖްމަންޓުން މިއަދު އައްޑޫ ސިޓި ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމް.އެން.ޔޫގެ ސ. ހިތަދޫ ކެމްޕަސްގެ އައު މެނޭޖަރ އަލްފާޟިލް އިދުހާމް ފަހުމީ ވަނީ އެ ކެމްޕަސްގައި ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވައިފައެވެ.

މިގޮތުން ޒުވާނުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމުގެ ގޮތުން ޓްރެއިނިންގ ނީޑް އެސެސްމަންޓެއް ހެދުމުގެ އިތުރުން އައްޑޫ ސިޓިގެ އެކިއެކި މުއައްސަސާތަކާ ބައްދަލުކޮށް، އެ މުއައްސަސާތަކަށް މި ހިނދަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، ކުރު މުއްދަތުގެ ތަމްރީނު ކޯސްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމުގައި އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ސ. ހިތަދޫ ކެމްޕަހަކީ ދިރާސާއަށް ބޮޑަށް އިސްކަންދޭ ކެމްޕަހަކަށް ހެދުމަށާއި، ކެމްޕަހުގެ މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ އާދަ އާލާކޮށް އަށަގެންނެވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަލްފާޟިލް އިދުހާމް ފަހުމީ އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމް.އެން.ޔޫގެ ސ. ހިތަދޫ ކެމްޕަހުގައި އައު ޕްރޮގްރާމްތަކެއް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. މިގޮތުން ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތައް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެ، އައްޑޫގައި ފަތުރުވެރިކަމުގެ ކޯސްތައް ކުރިއަށް ގެންދެވުމުގެ މުހިންމުކަން އަލްފާޟިލް އިދުހާމް ފަހުމީ ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫ ސިޓީގައި ރިސާރޗް އިންސްޓިޓިއުޓެއް ޤާއިމުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދާދިފަހުން އައްޑޫ ސިޓީއަށް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާރވްގެ ލަޤަބު ލިބުމާއި ގުޅިގެން، ތިމާވެށީގެ ދާއިރާއިން ދިރާސާކުރުމުގެ މުހިންމުކަން އިތުރުވެފައިވާ ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައިވެސް ދިރާސާ ބޭނުން ބޮޑުކަން މޭޔަރ ފާހަގަކުރެއްވިއެވެ.  

މީގެ އިތުރުން މޭޔަރ ވިދާޅުވީ، އައްޑޫ ސިޓީގެ ހުރިހާ މުއައްސަސާތަކާއި އިދާރާތަކުންވެސް މަސައްކަތް ކުރަންވާނީ މި ސިޓީގެ ތަރައްޤީއަށް ކަމަށާއި، އިދާރާތަކުން ކުރައްވާ ކޮންމެ ކަމަކީވެސް ސިޓީގެ ތަރައްޤީއަށް ކުރެވޭ ކަމެއް ކަމުގައިވުން މުހިންމު ކަމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސިޓީ ބާޒާރާއި، ސިޓީ ބުސްތާނާއި ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ސިޓީ ބާޒާރު އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ތިން ފިހާރައާއި ކޮފީ ޝޮޕެއްގެ އިތުރުން ފާޚާނާ ބަރިއެއްވެސް އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އަލްފާޟިލް އިދުހާމް ފަހުމީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އެމް.އެން.ޔޫގެ ސ. ހިތަދޫ ކެމްޕަސްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ލެކްޗަރަރ، އަލްފާޟިލް މުޙައްމަދު ޖަމީލްގެ އިތުރުން ކައުންސިލްގެ ޕްލޭނިންގ ސެކްޝަނުން ބައިވެރިވެލެއްވިއެވެ.