އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލު ހަލާކުވެ ނެތިގެން ދިއުމަކީ ވަރަށް ގިނަ ޢާއިލާތަކަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލައެއް: މޭޔަރ

13 ޑިސެމްބަރ 2020     1 year ago


މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާން ޖީލު ހަލާކުވެ ނެތިގެން ދިއުމަކީ ވަރަށް ގިނަ ޢާއިލާތަކަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލައެއް: މޭޔަރ

މަސްތުވާތަކެތީގެ ވަބާގައި ޖެހި އަޅުގަނޑުމެންގެ ޒުވާން ޖީލު ހަލާކުވެގެން ދިއުމަކީ މުޅި ރާއްޖޭގެވެސް ވަރަށް ގިނަ ޢާއިލާތަކަށް ދިމާވެފައިވާ އިޖުތިމާޢީ މައްސަލައެއް ކަމުގައި އައްޑޫ ސިޓީގެ މޭޔަރ، އަލްފާޟިލް ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.

މޭޔަރ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އައްޑޫ ސިޓީގައި ޤާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެ މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހި ޢާއިލާތަކުން ގެއްލި ހަލާކުވެގެންދާ ޒުވާނުންނާއި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ފަރުވާއަށް ބޭނުންވެ، އެ ފަރުވާ އެންމެ އެދެވޭ ގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ ހިތާމަހުރި ކަމެއް ކަމުގައެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ހުޅުދޫ އާއި މީދޫގައި ޤާއިމުކުރާ މި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަކީ އިންޑިއާގެ ހިލޭ އެހީ އާއި ދަޢުލަތުގެ ބަޖެޓުގެ ތެރެއިން ޚަރަދުކޮށްގެން ބިނާކުރެވޭ ވަރަށް މުހިންމު މުއައްސަސާއަކަށް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޢާއިލާތަކަށް މިހާރު އޮތް ހަމައެކަނި ތަސައްލީ އަކީ ހިތަދޫގައި ހުރި ވަރަށް ކުޑަ ކުޑަ އިމާރާތެއްގައި، ވަރަށް ހާލުގައި ދެވޭ ހަމައެކަނި ޑިޓޮކްސިފިކޭޝަންގެ ޚިދުމަތެއް އެކަނި"، މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހިތަދޫގެ ޑިޓޮކްސް ސެންޓަރަކީ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސަސް ސެންޓަރުން ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ދޭންޖެހޭ ޚިދުމަތްތަކާއި ފަރުވާ އަށް ޚާއްޞަ ކުރެވިފައިވާ އިމާރާތެއް ކަމަށާއި، އެތަން މިހާރު މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންކުރަނީ އެއްވެސް ގޮތެއް ނެތިގެން ކަމުގައި ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، އޭގެ ސަބަބުން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސަސްގެ ޚިދުމަތް ބޭނުންވާ ކުދިންވެސް ވަނީ ގޮތް ހުސްވެފައި ކަމަށާއި، އެކުދިން ބަލަމުން ދަނީ ވަރަށް ދަތި ހާލުގައި ކަމުގައެވެ.

އެހެންކަމުން ހުޅުދޫގައި އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަކީ އެ މައްސަލައަށް ލިބިގެންދާނެ ހައްލެއް ކަމުގައިވެސް މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ސެންޓަރަކީ މުޅި އައްޑޫ ސިޓީ އާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ޚިދުމަތް ދެވޭ ވަރުގެ ބޮޑު ސެންޓަރަކަށް ވެގެންދާންޖެހޭ ކަމުގައިވެސް މޭޔަރ ވިދާޅުވެފައިވެއެވެ.

މޭޔަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ސިޓީ ކައުންސިލްގެ އުއްމީދަކީވެސް މި ސެންޓަރަކީ އައްޑޫ ސިޓީގެ ފަރުވާއަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް، ރަނގަޅަށް ޚިދުމަތް ދެވޭނެ މަރުކަޒަކަށް ވެގެން ދިއުން ކަމުގައެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް އާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުޙައްމަދު އަސްލަމް އާއި، އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުންގެ އިތުރުން އަވަށު އޮފީސްތަކުގެ ޑިރެކްޓަރުންވެސް ބައިވެރިވެލެއްވިއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަޝްރޫޢަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަށް ޖުމްލަ 15،099،509.42 (ފަނަރަ މިލިއަން ނުވަދިހަ ނުވަ ހާސް ފަސް ސަތޭކަ ނުވަ ރުފިޔާ ސާޅީސް ދެ ލާރި) ޚަރަދުވާނެއެވެ.