އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

21 ޑިސެމްބަރ 2020     1 year ago


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް)ގެ މެންބަރުން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމަކީ އެޗް.އާރް.ސީ.އެމްގެ ފަސްވަނަ ދައުރަށް ޢައްޔަނު ކުރައްވާފައިވާ މެންބަރުން ތަޢާރަފުވެ ވަޑައިގަތުމަށާއި، އެ ކޮމިޝަނުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކައުންސިލާ ޙިއްޞާކުރައްވައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމުގައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިގޮތުން އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ފަދަ އިންސާނީ ޙައްޤުތަކުން މަޙުރޫމުވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "އެލްޑަރލީ ހޯމް" އެއް ޤާއިމުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން، ވަގުތީ ގޮތުން އެފަދަ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ކަށަވަރުކުރުމާ ގުޅޭގޮތުންނާއި، ސިޓީ ފެންވަރުގައި އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ސިޓީ ކައުންސިލަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ސާފު ބޯފެން ލިބުމާއި ސެނިޓޭޝަންގެ ކަންތައްތައް ހުރި ގޮތާ ގުޅޭގޮތުންވެސް އެޗް.އާރް.ސީ.އެމްގެ މެންބަރުން އޮޅުންފިލުއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެޗް.އާރް.ސީ.އެމްގެ މެންބަރުން ވަނީ އައްޑޫ ސިޓީގައި އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަން ލިބޭފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް އެ ކޮމިޝަނާ ޙިއްޞާކޮށްދެއްވުމަށް ކައުންސިލްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި ތަމްރީނުތަކުގައިވެސް އިންސާނީ ޙައްޤުތަކާ ގުޅެ ސެޝަންތައް ހިމެނުމަށްވެސް އެ ކޮމިޝަނުން ވަނީ ސިޓީ ކައުންސިލަށް ލަފާދެއްވައިފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި އެޗް.އާރް.ސީ.އެމް އަލަށް ޢައްޔަނު ކުރެއްވުނު މެންބަރުންނާއި، އެޗް.އާރް.ސީ.އެމްގެ އައްޑޫ ގޮފީގެ ބައެއް ބޭފުޅުންނާއި، މޭޔަރ އާއި ޑެޕިއުޓީ މޭޔަރގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އެހެނިހެން އިސްވެރިން ބައިވެރިވެލެއްވިއެވެ.