އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

11 ޖެނުއަރީ 2021     1 year ago


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިމާރާތްކުރުމުގެ ސިނާޢަތުގައި ކުޅަދާނަ އަދި ޤާބިލް ދިވެހިން ތަމްރީންކުރުމުގެ ގޮތުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ "ހުނަވަރު ޕްރޮގްރާމް" އާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިގޮތުން މިއަދުގެ ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީން ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ ހެވީ ޑިއުޓީ ވެހިކަލް އޮޕަރޭޓަރުން ތަމްރީނުކޮށް، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ރާވާފައިވަ "ހުނަވަރު ޕްރޮގްރާމް" އަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް އިންޓާންޝިޕްގެ މުއްދަތުގައި އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، އިންޓާންޝިޕް ނިންމުމަށްފަހު، އެމް.ޓީ.ސީ.ސީ ގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް މި ބައްދަލުވުމުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމް.ޓީ.ސީ.ސީގެ ހުނަވަރު ޕްރޮގްރާމްގެ 'އޯޕަން ޑޭ'ގެ ޙަރަކާތްތައް މިއަދު 11:00 އިން ފެށިގެން 15:00 އާ ހަމައަށް އައްޑޫ ހައި ސްކޫލްގައި ކުރިއަށްދާނެއެވެ.