އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އައްޑޫ ސިޓީގައި ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފި

14 ޖެނުއަރީ 2021     1 year ago


ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އައްޑޫ ސިޓީގައި ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ)ގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވަނީ، އަތޮޅުތަކުގައި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކާއި ކުށްތައް މަދުކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީން ލޯކަލް ކައުންސިލްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމަޢުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، އަދި ޚާއްޞަކޮށް ޓޫރިސްޓް ގެސްޓްހައުސްތައް ހިންގާ ރަށްރަށުގައި މާބޮޑަށްވެސް ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމުގައިވެސް މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.  

އެގޮތުން އައްޑޫ ސިޓީގެ ގިނަ އަވަށްތަކަކީ އެއްގަމުން ގުޅިފައިވާ އަވަށްތައްކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ގޭންގްތަކަށް ފަސޭހަކަމާއެކު ރަށު ތެރޭގައި ދަތުރުކުރުމުގެ މިނިވަންކަން އޮތުގެ ސަބަބުން ފޭރުންފަދަ ކުށްތައް ގިނަވުމަކީ އަބަދުވެސް އޮންނަ ބިރެއް ކަމުގައި މޭޔަރ ވިދާޅުވިއެވެ. ނަމަވެސް، މިއަދާއި ހަމައަށް އައްޑޫ ސިޓީގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން މިފަދަ އެއްވެސް ކަމެއް ހިނގާފައިވާ ނުވާ ކަމުގައިވެސް މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ދިމާވާ އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، ހަރުކަށި ފިކުރުގެ ބައެއް މީހުން އައްޑޫގައިވެސް އެބަތިބި ކަމަށާއި، އެފަދަ މީހުން ގޭންގްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އިތުރަށް ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމްތަކަކީ އައްޑޫ ސިޓީއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމުތަކެއް ކަމަށާއި، ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާފަދަ އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވަން ޖެހޭ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭ މަޢޫލޫމާތުވެސް ޙިއްސާކުރައްވައިފައެވެ. އެގޮތުން އައްޑޫ ސިޓީގެ ފަސް ޓޫރިޒަމް ޒޯނުން 2،000 ކޮޓަރިން 4،000 އެނދު އުފެދިގެންދާނެކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، ކުށްތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ، މިފަދަ ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގައި ހިންގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެން.އޯ.ޑީ.ސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް (ޖީ.އެމް.ސީ.ޕީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޕްރޮޖެކްޓް ސަޕޯޓް އޮފިސަރ، މިސްޓަރ ޖޯޝިއާ އާޓެޓާ ގޮންޒާލެޒް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި، އައްޑޫ ސިޓީގައި ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭގޮތުން ޔޫ.އެން މޯލްޑިވްސް އާ މަޝްވަރާކުރައްވާނެ ކަމަށެވެ.

ޔޫ.އެން.އޯ.ޑީ.ސީން އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކަކީ "ސަޕޯޓް ޕްރޮގްރާމް ޓު މޯލްޑިވްސް އޮން ކައުންޓަރ-ޓެރަރިޒަމް" މަޝްރޫޢުގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތަކެކެވެ. އަދި މި ޕްރޮގްރާމްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ  ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް ހިންގާ ރަށްތަކަށެވެ.