އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި

15 ޖެނުއަރީ 2021     1 year ago


އައްޑޫ ސިޓީ ކައުންސިލަށް 2021 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ ޢާމްދަނީ އާއި، ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓް ހިމަނައިގެން މި އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓް ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައި ވަނީ 07 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވެވި ކައުންސިލްގެ މި އަހަރުގެ ފުރަތަމަ ރަސްމީ ޖަލްސާއިންނެވެ. މި ބަޖެޓް ވިޔަ މޮޑިއުލް އަށް އަޕްލޯޑް ކުރެވި، މޭޔަރ އެޕްރޫވް ކުރައްވާފައި ވަނީ 14 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ.

ބަޖެޓް ފާސްކުރުމަށް 07 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި ވަނީ ބަޖެޓް ރެކޮމެންޑޭޝަންގެ ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)ގެ މޮނިޓަރިންގެ ރިޕޯރޓްގައި މުވައްޒަފުންނަށް ދެމުން ގެންދާ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ދިނުމާއި ގުޅޭ ގޮތުން ފާހަގަކުރެވިފައިހުރި ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، "ސްޕެޝަލް ޑިއުޓީ އެލަވަންސް" ގެ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، ދައުލަތުން ދޫކުރާ ގްރާންޓް ގެ ގޮތުގައި ކޮންމެމަހަކު ކައުންސިލަށް ލިބޭ ޢަދަދުގެ 5% އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ކައުންސިލްގެ " ޚަރަދު 2 " އެކައުންޓަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ފާސްކޮށްފައެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލަށް 2020 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި އަހަރުގެ ބަޖެޓު ފާސްކުރިއިރު، ކައުންސިލަށް މި އަހަރު ލިބޭނެ ނެޓް އާމްދަނީ ކަމަށް ލަފާކޮށްފައި ވަނީ 71,383,475 ދިވެހި ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުން ދެއްވާ ގްރާންޓްގެ ގޮތުގައި 59,375,505 ދިވެހި ރުފިޔާ ލިބޭނެ ކަމަށްވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މުޅި ޖުމުލައަކީ 136,554,544.00 ދިވެހި ރުފިޔާއެވެ. މި ބަޖެޓާ ބެހޭ އިތުރު ތަފްޞީލް ތިރީގައި މިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ އައްޑޫސިޓީ ކައުންސިލް ބަޖެޓް ފާސްކުރުމާ ގުޅޭ ޤަރާރު