އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

18 ޖެނުއަރީ 2021     3 years ago


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން (ވެމްކޯ)ގެ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޓީމުން މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުޅިފައިވާ ރަށްތަކުން ކުނި ނެގުމުގައި މައްސަލަތައް ދިމާވާކަމުގެ ޝަކުވާތައް އަވަށު އޮފީސްތަކަށް ލިބެމުންދާތީ، މި މައްސަލަތައް މެދުވެރިވާ ސަބަބުތައް ދެނެގަނެ، މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ވެމްކޯގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި ކުނި ނެގުމުގައި މައްސަލަތަކެއް ދިމާވެފައި ވަނީ އެ ކުންފުނިން ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ހަތަރު ކޮމްޕެކްޓަރާއި ލޮރީ، ކުއްލި ގޮތަކަށް ހަލާކުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ދެ ކޮމްޕެކްޓަރު މަރާމާތުކޮށް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބާކީ ހުރި ދެ ކޮމްޕެކްޓަރުވެސް މަރާމާތުކޮށްގެން މަސައްކަތަށް ނެރެވޭނެ ކަމުގައި އެ ކުންފުނިން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ލޮރީވެސް މަރާމާތު ކުރެވި، އަލުން އޮޕަރޭޓްކުރަން ފެށޭނެ ކަމުގައި އެ ކުންފުނިން ހާމަކުރެއްވިއެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި އައްޑޫގެ ޢާންމު ސަރަޙައްދުތަކުން ކުނި ނެގުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ކުނި ނަގާ ދުވަހުވެސް، އަނެއްކާވެސް ޢާންމު ސަރަޙައްދުތަކުގައި ހުންނަ ޑަސްބިންތައް ފުރި، ޢާންމު ސަރަޙައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ކުރިމަތިވެފައިވާކަންވެސް މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ މެދެއާރި ކިޅި އާއި ހަންކެޑެ ފަދަ މީހުން ޢާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި އިތުރު ޑަސްބިންތައް ބެހެއްޓުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ވެމްކޯ އިން މި އަހަރަށް ކުރިއަށް ރާވާފައިވާ ކަންތައްތަކާއި، ކުނި ނެގުމުގައި އެ ކުންފުންޏަށް ދިމާވާ ދަތިތައްވެސް އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި ކައުންސިލާ ޙިއްޞާކުރައްވައިފައެވެ.

އައްޑޫ ސިޓީގެ އަވަށްތަކުން ކުނި ނެގުމުގައި ދިމާވާ މައްސަލަތައް ވީ އެންމެ އަވަހަށް ޙައްލުކޮށް، ޚިދުމަތްތައް ދިނުން ފަށާނެ ކަމުގެ ޔަޤީންކަންވެސް ވެމްކޯގެ ޓީމުން ވަނީ ދެއްވައިފައެވެ.