އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ މިސްކިތްތައް ރަމަޟާން މަހަށް ތައްޔާރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

25 ފެބުރުއަރީ 2021     1 year ago


އައްޑޫ ސިޓީގެ މިސްކިތްތައް ރަމަޟާން މަހަށް ތައްޔާރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން އަވަށު އޮފީސްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އައްޑޫގެ އެކި އަވަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކުގައި މަރާމާތުކުރަން ޖެހިފައި ހުރި ކަންތައްތައް ދެނެގަނެ، މިސްކިތްތައް މަރާމާތުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން މި އަހަރަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުން މިސްކިތްތަކުގެ މަރާމާތަށް ޚަރަދުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، ބައްދަލުވުމުގެ ބައިވެރިން ވަނީ އައްޑޫގައި ޢިމާރާތްކޮށްފައިވާ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ދަރުމަވެރި ފަރާތްތަކުން ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީ ފާހަގަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މޭޔަރ އާއި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އަވަށު އޮފީސްތަކުގެ ޑިރެކްޓަރުންވެސް ބައިވެރިވެލެއްވިއެވެ.