އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

1 މާރޗް 2021     3 years ago


އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން، އައްޑޫ ސިޓީ ކައުންސިލުން މިއަދު ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ފްލެޓުތަކުގެ ލޭންޑްސްކޭޕިންގ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުޅަނދުތައް ޕާކުކުރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ކައުންސިލާ ޙިއްސާކުރައްވައިފައެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ ގޮތުން ލޭންޑްސްކޭޕިންގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅުއްވާނެ ކަމުގައި މޭޔަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ވަނީ ފްލެޓުތަކުގެ ލޭންޑްސްކޭޕިންގ މަޝްރޫޢާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވައިފައެވެ. މިގޮތުން މިހާރު ކުރިއަށްދާ ލޭންޑްސްކޭޕިންގެ މަސައްކަތްތަކާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ކައުންސިލުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، ފެލްޓު ސަރަޙައްދުގައި ވާރޭފެން ނަގަން ތާނގީ ބެހެއްޓުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ކައުންސިލަރ ޖަމްޝީދާ މުޙައްމަދު ހޯއްދަވައިދެއްވި ތާނގީތައް ބެހެއްޓުމަށް ފްލެޓު ސަރަޙައްދުން ތަނެއް ހަމަޖައްސައި، ތާނގީ ބަހައްޓާނެ ގޮތެއް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަވައިފައެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި، ފްލެޓުތަކުގައި ހުރި މަރާމާތުގެ މައްސަލަތައްވެސް، ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ކައުންސިލާ ޙިއްސާކުރައްވައިފައެވެ. މިގޮތުން ސީލިންގުން ފެން ލީކުވުމާއި، ފެން ޕަމްޕް ހަލާކުފުންފަދަ ދަތިތަކުގެ މަޢުލޫމާތު އެ ފަރާތްތަކުން ޙިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. އެގޮތުން މޭޔަރ ވަނީ މިކަމުގައި ކައުންސިލަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށާއި، މި މައްސަލަތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ދަންނަވައި، މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރ އާއި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަވާ ފަރާތްތަކުންވެސް ބައިވެރިވެލެއްވިއެވެ.