އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓު އެޅުމާއި އައްޑޫގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ކައުންސިލުން އެލްޖީއޭއާ މަޝްވަރާކުރައްވައިފި

4 މާރޗް 2021     10 months ago


އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓު އެޅުމާއި އައްޑޫގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ކައުންސިލުން އެލްޖީއޭއާ މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލުން މިއަދު ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވަނީ އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް އެޅުމާއި، ފޭދޫ ޗަސްބިމަށް ފަސް އެޅުމާއި، އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭގޮތުންނާއި، ސިޓީ ކައުންސިލްގެ އެންމެހައި އޮފީސްތަކުގައި ސޯލަރ ޕެނަލް ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ ކައުންސިލަރ، ފައިސަލް އިބްރާހިމް ވިދާޅުވީ، މަރަދޫ އަކީ އައްޑޫގެ އެންމެ މަސްވެރި އަވަށް ކަމަށާއި، މަރަދޫ ބަނދަރުގެ ތޮށިގަނޑަކީ މަސްވެރިކަންކުރާ ފަރާތްތަކުން ބޭނުންކޮށް އުޅޭ ސަރަޙައްދެއް ކަމުގައެވެ. އޭގެ ސަބަބުން އެ ސަރަޙައްދު ނުސާފުވުމާ ގުޅިގެން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށާއި، މަރަދޫ އަށް އަންނަ ފަތުރުވެރިންނަށްވެސް ބަނދަރު ސަރަޙައްދު ބޭނުންކުރުމުގައި ދަތިތައް ދިމާވާ ކަމުގައި ކައުންސިލަރ ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން، މިދިޔަ އަހަރުވެސް މަރަދޫގައި މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރެއްވިކަން ފާހަގަކުރައްވައި ކައުންސިލަރ ފައިސަލް ވަނީ، ވީހާވެސް އަވަހަކަށް މަރަދޫގައި މަސް މާރުކޭޓު އެޅުމުގެ މަސައްކަތް އިޢުލާނު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ، އަލްފާޟިލާ އަފްޝަން ލަތީފު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ ޗަސްބިމަށް ފަސް އެޅުމުގެ މައްސަލަ ވަރަށް އަވަހަށް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މިއަދުގެ ބައްދަލުވުމުގައި، އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައިވެސް ރަނގަޅު ގޮތުގައި މި މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވަނީ، ސިޓީ ކައުންސިލްގެ 51% ޙިއްސާ އޮންނަ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް މެދުވެރިކޮށް ކައުންސިލްގެ އޮފީސް ޢިމާރާތްތަކާއި މަގުބައްތިތައް ސޯލަރ އަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ. މިގޮތުން މި މަސައްކަތަށް ހުރި ގޮންޖެހުންތައް މޭޔަރ ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާ ޙިއްސާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރ އާއި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވެލެއްވިއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އެ އޮތޯރިޓީގެ ސީ.އީ.އޯ އާއި އެހެނިހެން އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.