އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމާއި، ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

4 މާރޗް 2021     3 years ago


ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމާއި، ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ އެއާލައިންތަކާއި، ރިސޯޓުތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ފަތުރުވެރިކަމާގުޅޭ ބައެއް ޖަމިއްޔާތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤުވާމީ އެއާލައިންތައް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދެކުނުގެ ރިސޯޓުތަކާއި، ފަތުރުވެރިކަމާ ގުޅޭ ޖަމިއްޔާތަކާއި ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ ފަތުރުވެރިން ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، މިހާރު ބަންދުކުރެވިފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވިއެވެ. އަދި އައްޑޫގައި ޓޫރިސްޓް އެނދުތައް އިތުރުކުރުމަށް ސަރުކާރުން ރާއްވަވާފައިވާ ކަންތައްތަކުގެ މަޢުލޫމާތުވެސް މިނިސްޓަރ ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް އަރުއްވައިފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ، މި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަސް މި އަހަރު އައްޑޫ ސިޓީގައި ކުލަގަކޮށް ފާހަގަކުރާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އެހެންކަމުން މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ޙަރަކާތްތައް ދިވެހިރާއްޖޭގައި ކުރިއަށްގެންދާނީ އައްޑޫ ސިޓީގައެވެ.

މިއަދުގެ ބައްދަލުވުމުގައި، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މި ތިން އަތޮޅުގައި ހިމެނޭ ސާރފިންގ ޕޮއިންޓާއި ޑައިވް ޕޮއިންޓްފަދަ ޚާއްޞަ މަންޒިލްތަކާއި، ތިން އަތޮޅުގެ ޤުދުރަތީ ރީތިކަން އިސްތިހާރުކުރުމާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ދެކުނަށް ސަފާރީ ބޯޓުތައް ގެނެސް، ސަފާރީގެ ވިޔަފާރި ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ. އަދި މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނުން ދެކުނުގެ ސާރފިންގ ޕޮއިންޓްތަކާ ގުޅޭ މަޢުލޫމާތު ދެއްވިއިރު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ވަނީ ދެކުނުގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް ބައްދަލުވުމުގެ ބައިވެރިންނާ ޙިއްސާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމާއި، އައްޑޫ ސިޓީގެ މޭޔަރާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ އެއާލައިންތަކާއި، ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަނާއި، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި، ދެކުނުގެ ރިސޯޓުތައް އަދި ޓުއަރ އޮޕަރޭޓަރުންވެސް ބައިވެރިވެލެއްވިއެވެ.