އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ފަޤީރުންގެ ލިސްޓު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

14 މާރޗް 2021     1 month ago


އައްޑޫ ސިޓީގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ފަޤީރުންގެ ލިސްޓު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވުނު މި ބައްދަލުވުމަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ފަޤީރުންގެ ލިސްޓު އެކުލަވާލުމަށް އިމާމުންގެ އެހީތެރިކަން ހޯދުމަށްޓަކައި މަޝްވަރާކުރެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، އައްޑޫ ސިޓީގައި ޒަކާތުގެ ބެހެނިވެރިންގެ ލިސްޓު އެކުލަވާލުމަށް ކޮންމެ އަވަށެއްގައިވެސް އަވަށު އޮފީހާއި އިމާމުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މިގޮތުން އެހެން އަހަރުތަކާ އަޅާބަލާއިރު، މި އަހަރުގެ ފަޤީރުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް އިތުރަށް ހަރުދަނާވުމުގެ ސަބަބުން ލިސްޓަށް ހުށަހެޅޭ ޝަކުވާތަކުގެ އަދަދު މަދުވާނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމުގައި ބަޔާންކުރާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަކީވެސް މުހިންމު ކަމެއް ކަމުގައި މޭޔަރ ވިދާޅުވިއެވެ.

އަދި، އައްޑޫ ސިޓީގައި ކަށުކަމާކެމީގެ ކަންތައްތައް ކުރަމުންދަނީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމުގައިވީނަމަވެސް، އެކި އަވަށްތަކުން ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި ތަފާތު އުޞޫލުތަކަކަށް ޢަމަލުކުރާކަން ފާހަގަކުރެވިފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ. އެހެންކަމުން މޭޔަރ ވިދާޅުވީ، ހުރިހާ އަވަށެއްގައިވެސް އެއް އުޞޫލަކަށް ޢަމަލުކުރުމަށް ކަނޑައަޅައި، އެކަމާ ގުޅޭ މަޢުލޫމާތު އައްޑޫގެ ޖަމާޢަތްތެރިންނަށް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިގޮތުން މޭޔަރ ވިދާޅުވީ، މިހާތަނަށް، ހިތަދޫގެ ޖަމާޢަތްތެރިންގެ ގްރޫޕަކަށް މަޢުލޫމާތު ދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ފާއިތުވި އަހަރު އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމުގައި ދަތިތަކެއް ދިމާވި ކަމަށާއި، ނަމަވެސް ފާއިތުވި ދުވަސްތަކުގައި އައްޑޫ މޮނިޓަރިންގެ ޙާލަތުގައި އޮތުމާއެކުވެސް، މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ. މިގޮތުން ބައެއް އަވަށްތަކުގައި ދަރުމަވެރިންގެ އެހީތެރިކަމާއެކު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ނުކުރެވި ހުރި ކަންތައްތައް ނިންމުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އިތުރަށް ވިދާޅުވީ، މިސްކިތްތަކުގެ މަރާމާތުތަކަށް އެއް މިލިއަން ދިވެހި ރުފިޔާގެ ބަޖެޓެއް ކައުންސިލުން ކަނޑައަޅުއްވާފައިވާއިރު، ކައުންސިލުން މިސްކިތްތަކާ ހަވާލުވުމުގެ ކުރިން 2018 ވަނަ އަހަރު ދައްކަންޖެހޭ ކަރަންޓު ބިލުތަކަށް ފައިސާ ނުދެއްކި ހުރުމުގެ ސަބަބަބުން، އެ ބިލުތަކަށް އެއް ފަހަރާ ފައިސާ ދައްކަން ޖެހުމުން ފައިސާގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން މޭޔަރ ވިދާޅުވީ، 2018 ވަނަ އަހަރުގެ މިސްކިތްތަކުގެ ކަރަންޓު ބިލުތައް ދެއްކުމަށް މި އަހަރު ކައުންސިލްގެ އާމްދަނީންވެސް ބޮޑު ބައެއް ޚަރަދުވެފައިވާ ކަމަށެވެ. އެހެންކަމުން މިސްކިތު ފަންޑުން، އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް މާލީ އެހީތެރިކަން ހަމަޖައްސަވައިދެއްވުމަށް މޭޔަރ ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙުމަދު ޒާހިރު ޢަލީގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި އައްޑޫގައި ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހެޅުމާ ގުޅޭގޮތުންނާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރަމުންދާ ގޮތާ ގުޅޭގޮތުން ޝެއިޚް ޢަލީ ޝައުޒޫނާއި، ޝެއިޚް މުޙައްމަދު އަނީލް އަދި މީދޫ އަވަށުގެ އިމާމު، މުޙައްމަދު ރަޝީދު ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރ އަރިހުގައި ކައުންސިލްގެ ބައެއް މެންބަރުންނާއި، އަވަށު އޮފީސްތަކުގެ ޑިރެކްޓަރުންނާއި، އައްޑޫގެ މިސްކިތްތަކުގައި އިމާމުންނާއި މުދިމުން ބައިވެރިވެލެއްވިއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް،  އައްޝައިޚް އިލްޔާސް ޖަމާލް އަދި އެ މިނިސްޓްރީގެ އެހެނިހެން ބައެއް އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.