އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދާރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

16 މާރޗް 2021     3 years ago


މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދާރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓްރީ އޮފް  ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިކަމުގެ މަޝްރޫޢުތަކަށް ކައުންސިލް އިދަރާތަކުން ހުއްދަ ދިނުމާ ގުޅޭގޮތުން ބޭއްވެވި މަޢުލޫމާތު ދިނުމުގެ ސެޝަންގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީ އޮފް  ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވަނީ މަސްވެރިކަމުގެ އެކި މަޝްރޫޢުތަކަށް ކައުންސިލް އިދަރާތަކުން ހުއްދަ ދިނުމުގައި ޢަމަލުކުރަނެ އުޞޫލުތަކާ ގުޅޭ މަޢުލޫމާތު ދެއްވައިފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވަނީ މިނިސްޓްރީގެ ފަރާތުން ފަހިކޮށްދެއްވަނީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައި، މިނިސްޓަރ އޮފް  ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، އަލްފާޟިލާ ޒަހާ ވަހީދަށާއި، އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، ދުވާލެއްގެ މައްޗަށް ދެ ޓަނަށްވުރެ ގިނައިން މަސް އުފައްދާ ގޭދޮށު މަސް ފެކްޓަރީތަކެއް އައްޑޫ ސިޓީ ހިތަދޫ އާއި، މަރަދޫ އަދި ހުޅުދޫ މީދޫގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، މިހާތަނަށް އެއް ފެކްޓަރީ އަކަށް ހުއްދަ ލިބިފައިވާއިރު، އިތުރު ދެ ފެކްޓަރީ އަށް ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. މިގޮތުން އަލަށް އެކުލަވާލެވުނު އުޞޫލުގެ ދަށުން އެ ދެ ފެކްޓަރީއަށް ކައުންސިލުން ހުއްދަ ދޫކުރެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، ގޭގައި މަސް ކެއްކުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވާ ކަމަށާއި، މިގޮތުން އަވަށްޓެރިންނާއެކު ޖެހޭ މިފަދަ ބައެއް މައްސަލަތައް ކައުންސިލް މެދުވެރިވެގެން ޙައްލުކުރަން ޖެހޭ ކަމަށެވެ. އަދި ވިޔަފާރީގެ ބޭނުމަށް ގޭގައި މަސް ކައްކާ ފަރާތްތަކުގެ ކިބައިން ފީއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ބާޒާރުގައި ވިއްކާ ތަކެއްޗަކީ ކޮންމެވެސް މިންގަނޑަކަށް ފެތޭ ތަކެތިކަމުގައި ވާންޖެހޭނެ ކަމަށާއި، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެވެސް އުޞޫލުތަކެއް ޤާއިމުކުރަންޖެހޭ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެން ކަމުގައި ނުވާނަމަ، މިފަދަ ކަންތައްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ކައުންސިލްތަކަށް ދަތިވާނެ ކަމުގައި މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރ އަރިހުގައި ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަންތަކުން ބައިވެރިވެލެއްވިއެވެ.