އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

16 މާރޗް 2021     3 years ago


އައްޑޫ ސިޓީގައި ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އައްޑޫ ސިޓީގައި ރަނގަޅު ފެންވަރުގައި ޚިދުމަތްތައް ފޯރުކޮށްދޭ ގަރާޖުތައް ހުރިކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، ރޯޑު ވާދިނަސްގެ ސްޓިކަރ، ގަރާޖުތަކުން ޕްރިންޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައެވެ.

މިގޮތުން މިހާރު ގަރާޖުތަކުން ފޯމު ފުރިހަމަކޮށްގެން ގެނައުމުން ސްޓިކަރ ދޫކުރަނީ ކައުންސިލް އިދާރާގެ ޓްރާންސްޕޯޓް ސެކްޝަނުން ކަމަށާއި، ގަރާޖުތަކުން ސްޓިކަރ ޕްރިންޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން މޭޔަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އުފެއްދި ތާރީޚުން ފެށިގެން ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޤަވާޢިދު ބަދަލުކޮށް، 2015 ވަނަ އަހަރުގެ ކުރިން އެތެރެކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީކުރުން ހުއްޓާލުމަށް ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން 2015 ވަނަ އަހަރުގެ ކުރިން އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ، އެލް10 ލިބިފައިވާ ފަރާތްތަކުގެ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓްރީގެ ފަރާތުން ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ބިދޭސީންނަށް ލައިސަންސް ދޫކުރުމުގައި ދިމާވާ ބައެއް ދަތިތަކާއި، ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދޭ ވެބްސައިޓު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައްވެސް މޭޔަރ ވަނީ މިނިސްޓްރީއާ ހިއްސާކުރައްވައިފައެވެ.

އަދި، ކަނޑު އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށް ޓެސްޓު ހެދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޭޔަރގެ އަރިހުގައި މި އިދާރާގެ ޓްރާންސްޕޯޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، ޢާއިޝަތު ރަހުމަތު ބައިވެރިވެލެއްވިއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އަޙުމަދު ޒުހައިރާއި، ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް ހަމަދު ޢަބްދުލް ޣަނީ ބައިވެރިވެވަޑައިގެންނެވިއެވެ.