އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

18 މާރޗް 2021     3 years ago


މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުއްދަކަވަމުން މޭޔަރ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމަށާއި، އައްޑޫ އަށް ބައިނަލްއަޤުވާމީ ފްލައިޓުތައް ގެންނެވުމަށް މިނިސްޓަރ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައިފައެވެ.

މިގޮތުން އައްޑޫ ސިޓީން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އައްޑޫ ސިޓީ އަށް ވަޑައިގެން ދެއްވި ކަމަކީ، އެމަނިކުފާނު އައްޑޫގެ ފަތުރުވެރިކަމަށް އަހައްމިއްޔަތުކަން ދެއްވަވާ މިންވަރު ދޭހަވާ ކަމެއްކަން ފާހަގަކުރައްވައި މޭޔަރ ވަނީ މިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްދު ޞާލިޙް ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް އައްޑޫގެ ފަތުރުވެރިކަން ފެއްޓެވުމަށް ކަމަށެވެ.

މިގޮތުން މިހާރު ބަންދުކުރެވިފައިވާ އައްޑޫގެ ދެ ރިސޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ރިސޯޓުތައް އަލުން ހުޅުވުމަށް ކަމަށާއި، ނަމަވެސް ރިސޯޓުތައް ގިނަ ދުވަސް ވަންދެން ބަންދުކޮށްފައިވުމުގެ ސަބަބުން ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް މަރާމާތުތަކާއި އާބާތުރަ ފިލުވުންފަދަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދެ ރިސޯޓުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވޭނީ ކެނަރީފް އައިލެންޑް ރިސޯޓު ކަމަށް ލަފާފުޅުކުރައްވާ ކަމަށެވެ.

މީގެ އިތުރުން، މިއަދު ބާއްވާ އައްޑޫން ޓޫރިސްޓް ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅު 'ސަދަން ޒޯން'ގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި، ރިސޯޓުތަކާއި، އެއާލައިންތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ޝަޢުޤުވެރިކަން ހުންނެވި ކަމަށެވެ. މިގޮތުން 'ސަދަން ޒޯން'ގެ މައި މަންޒިލަކަށް ވާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ކައުންސިލަރުން ވަނީ މިއަދުގެ ރަސްމިއްޔާތަށް މިނިސްޓަރ ވަޑައިގެންނެވުމަކީ އެމަނިކުފާނު އައްޑޫގެ ފަތުރުވެރިކަމަށް ދެއްވާ އިސްކަން އެނގިގެންދާ ކަމެއް ކަމުގައި ވިދާޅުވެ، މިނިސްޓަރ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓީމަށް ޝުކުރު ދަންނަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޤަޢުމީ ޙަރަކާތްތައް މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމެވުމާ ގުޅިގެން، އެކަންތައްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ނަމަކަށް ކިޔާ ފަޅު ރަށް، ގެސްޓްހައުސްތަކުންނާއި ޓޫރިސްޓް ހޮޓާތަކުން ނުލިބޭފަދަ ޚިދުމަތްތައް ދިނުމަށް ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރގެ އަރިހުގައި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވެލެއްވިއިރު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމްގެ އަރިހުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބައެއް އޮފިޝަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އިބްރާހިމް ނާޒިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.