އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްޤީކުރުމަށް 31 ކުލީ ބިން ހަވާލުކޮށްފި

18 މާރޗް 2021     3 years ago


އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްޤީކުރުމަށް 31 ކުލީ ބިން ހަވާލުކޮށްފި

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން، 31 ބިމެއް ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯންގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކަށް، ބިންތައް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އެވެ.

މިގޮތުން މިއަދު ހަވާލުކުރި ކުލީ ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓުރިޒަމް ޒޯންގެ ހަތް ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން އެއް ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން ނުވަ ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން ދެ ބިމެކެވެ.

މި ކުލީ ބިންތަކުގެ ބިޑް ކާމިޔާބުކުރެއްވި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މި މާރިޗު މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.

މިއަދު ހަވާލުކުރެވުނު ބިންތަކުގައި ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްޤީކޮށް ޚިދުމަތް ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަށަންޖެހޭނެއެވެ.

އައްޑޫ ސިޓީން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 93 ބިމެކެވެ. މީގެ ތެރެއިން މިހާރު 31 ކުލީ ބިމުގެ ބިޑް ކާމިޔާބުކުރި ފަރާތްތަކާ ބިންތައް މިއަދު ހަވާލުކޮށްފައިވާއިރު، ބާކީ ހުރި 62 ބިމަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.