އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޭޔަރ، އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި

20 މާރޗް 2021     3 years ago


މޭޔަރ، އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި

މޭޔަރ، ޢަބްދުﷲ ޞާދިޤް، އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ނިންމުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން މިފަދަ މުބާރާތެއް ރޭވުމުގެ އެންމެ މުހިންމު ސަބަބަކީ ޒުވާނުންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ހުނަރު އިތުރުކޮށްދިނުން ކަމުގައެވެ. އަދި މި އަހަރުވެސް ކަނޑައެޅިފައިވާ ތާރީޚުގައި މި މުބާރާތް ބާއްވާނެކަން ފާހަގަކުރައްވައި މޭޔަރ ވަނީ މިހާރުން ފެށިގެން މި އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ހުރިހާ ޓީމުތަކަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް މަސައްކަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއް ކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އައްޑޫގެ ޒުވާނުންނަށްޓަކައި ހުރިހާ އަވަށެއްގައިވެސް ފުޓުބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

މޭޔަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދެކުނުގެ ހުރިހާ އަތޮޅެއް ހިމޭނެހެން ސަރަޙައްދީ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލްތަކުންނާއި ފުޓުބޯޅައާ ގުޅޭ ކުލަބުތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

މޭޔަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ފުޓުބޯޅައިން ކުރިއަށް ދިއުމަށްޓަކައި އެންމެހައި ކުޅުންތެރިންވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފައެވެ.

23 ޖަނަވަރީ 2021 އިން 20 މާރިޗު 2021ގެ ނިޔަލަށް ކުރިއަށްގެންދިޔަ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ފޭދޫ ސްޕޯޓްސް ކަމަށްވާއިރު، މުބާރާތުގެ ދެވަނައަށް ދިޔައީ މެދުވަލު ފުޓުބޯޅަ ކްލަބެވެ. އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާމް ޢަލީ ކަމަށްވާއިރު، މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ފާހި ސްޕޯޓްސް އެވެ. މި މުބާރާތުގއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ހަ ގޯލު ކާމިޔާބުކުރި އެފްސީ ބޭރުމަތިގެ ޝަމްވީލް ޤާސިމް ކަމަށްވާއިރު، މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ސިދާމް ޢަލީ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ކޯޗު، އިބްރާހިމް ނިޒާރެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފެއަރޕްލޭ ކުޅުންތެރިއަކަށް އެފްސީ ބޭރުމަތިގެ މޫސާ ވަޙީދު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބޭރުމަތިގެ ޝަމްވީލް ޤާސިމެވެ. އަދި އެންމެ މޮޅު ފޯރވާޑް ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ޢަލީ ނާފިއު އެވެ.

މީގެ އިތުރުން، މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ މެދުވަލު އެފްސީގެ މުޙައްމަދު ޒަޔާން ކަމަށްވާއިރު، އެންމެ މޮޅު ޑިފެންޑަރަކީ ފޭދޫ ސްޕޯޓްސްގެ ޙަސަން ހަނީފެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. އައްޑޫ ފުޓުބޯޅާ ޗެމްޕިއަންޝިޕް 2021 ފެށުމަށް ހަމަޖެހިފައި ވަނީ 26 ޑިސެންބަރު 2021 ގައެވެ.