އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫގެ މާކިޅި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

22 މާރޗް 2021     3 years ago


އައްޑޫ ސިޓީ ހިތަދޫގެ މާކިޅި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އައްޑޫ ސިޓީ ހިތަދޫގެ މާކިޅި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީ ކައުންސިލާއި، ކަމާބެހޭ ފަރާތްތަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި، މިހާރު ހިމާޔަތްކޮށްފައިވާ މާކިޅި އާއި ފެހެލެ ކިޅި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން މި ސަރަޙައްދުގެ ބޭނުން މިހާރު ކުރަމުންދާ ގޮތާއި، މި ސަރަޙައްދުގެ ޘަޤާފީ އަދި ތާރީޚީ ބޭނުމުގެ މައްޗަށް ބައްދަލުވުމުގެ ބައިވެރިން ވަނީ އަލިއަޅުއްވާލައްވައިފައެވެ.

މީގެ އިތުރުން، ހިމާޔަތްކުރެވިފައިވާ މި ސަރަޙައްދުގެ ބޭނުން ކުރެވިދާނެ ގޮތްތަކާއި، އެކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ވާރކްޝޮޕްގެ ބައިވެރިން ވަނީ ޚިޔާލު ބަދަލުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އާއި އައްޑޫ ނޭޗަރ ޕާރކާއި، ސަދަން ކޮމިޔުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި، ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީ އާއި ހިތަދޫ އިޖުތިމާޢީ މަރުކަޒާއި، އައްޑޫ ހައި ސްކޫލާއި އޭއޯ ނިއުސްގެ އިތުރުން މޭޔަރ އާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ކަމާގުޅޭ ސެކްޝަންތަކުންނާއި ހިތަދޫ އަވަށު އޮފީހުންވެސް ބައިވެރިވެލެއްވިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ މާކިޅި އާއި މެދެއާރަ، ފެހެލެ ކިޅި އަދި ރަސްގެދަރި ކިޅި ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ 08 ސެޕްޓެންބަރު 2020 ވަނަ ދުވަހުއެވެ.