އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މަތިކިޅި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

25 މާރޗް 2021     3 years ago


އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މަތިކިޅި މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މަތިކިޅީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީ ކައުންސިލާއި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި، މަތިކިޅި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ތަރައްޤީކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން މި ސަރަޙައްދުގެ ބޭނުން މިހާރު ކުރަމުންދާ ގޮތާއި، ކުރިއަށް އޮތް ތަނުގައި މި ސަރަޙައްދުގައި ޤާއިމުކޮށް ތަރައްޤީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިން ވަނީ ޚިޔާލު ބަދަލުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް ޙުސައިން ފައިޒް ރަޙްމާނާއި، ހުޅުދޫ އަވަށު އޮފީހާއި، މީދޫ އަވަށު އޮފީހާއި، ހުޅުދޫ އަންހެނުންގެ ގުޅުމާއި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މޫވްމަންޓާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުޅުދޫ އަދި މީދޫ ދާއިރާގެ މެންބަރުންނާއި، ނަލަފެހި މީދޫ އާއި، މީދޫ އެކުވެރިންގެ ޗޭނާއި، މީދޫ ކޯޕަރޭޓިވް ސޮސައިޓީ އާއި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި، އައްޑޫ ނޭޗަރ ޕާރކާއި، ހުޅުދޫ އާއި މީދޫގެ ވިޔަފާރިތަކާއި، ދަނޑުވެރިންގެ އިތުރުން އިކޯ ގާރޑަންގެ ދިރާސާވެރިއަކާއި، ސ. އަތޮޅު މަދަރުސާ އަދި ޝަރީފީ ޕްރީސްކޫލްގެ ފަރާތުން ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ޑރ. ޢަބްދުﷲ ނަޞީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫގެ މަތިކިޅި ސަރަޙައްދު ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 08 ސެޕްޓެންބަރު 2020 ވަނަ ދުވަހުއެވެ.