އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޑރ. ޙުސައިން ރަޝީދު ޙަސަން, އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

28 މާރޗް 2021     3 years ago


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޑރ. ޙުސައިން ރަޝީދު ޙަސަން, އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޑރ. ޙުސައިން ރަޝީދު ޙަސަން, އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އައްޑޫގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި އައްޑޫ ނޭޗަރ ޕާރކް، ކައުންސިލާ ހަވާލުކުރެއްވުމަށް ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ޤަޢުމީ ފެންވަރުގައާއި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި، މިގޮތުން މި އަހަރުގެ ތެރޭގައި ކުނީގެ ބާވަތްތައް ވަކިކޮށްގެން ނަގަން ފަށާނެ ކަމަށެވެ. އަދި ކުނިވާ ޒާތުގެ ކުންޏަކީ ކޮންމެ ދުވަހަކުވެސް ނަގަންޖެހޭ ކުނި ކަމަށާއި، ކުނީގެ ބާވަތްތައް ވަކިވަކިން ނަގަން ފެށުމުން އިސްރާފު ކުޑަކުރެވި، ރީޔޫސް އަދި ރީސައިކަލް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ނަރުދަމާގެ މައްސަލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގައި ނަރުދަމާގެ ޚިދުމަތް ނުފެށި އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، އައްޑޫ ސިޓީގެ ތިމާވެށީގެ ކަންތައްތައް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ ވަޑައިގަތުމަކީ ރާއްޖޭގެ ރަށްރަށުގެ ތިމާވެއްޓަށް ދެއްވާ އަހައްމިއްޔަތުކަން ދޭހަވާ ކަމެއް ކަމުގައެވެ. މޭޔަރ ވަނީ އައްޑޫގެ ބަޔޮސްފިއަރ ރިޒާރވް އަދި ނޭޗަރ ޕާރކާއި ހިމާޔަތް ކުރެވިފައިވާ އެހެނިހެން ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވައިފައެވެ.

މީގެ އިތުރުން، ހުޅުދޫމީދޫގައި މިހާރުވެސް ކުނި ވަކިކުރުމުގެ މަސައްކަތާއި، ކުނި ކޮމްޕޯސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި، ކޮމްޕޯސްޓް ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު މިނިސްޓަރާ ޙިއްސާކުރައްވައިފައެވެ. އަދި ހުޅުދޫމީދޫގެ ކުނި ކޮށި ފުރިފައިވުމާ ގުޅިގެން އެތަނަށް ޖަމާވާ ކުނި ހުސް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް މޭޔަރ ވަނީ މިނިސްޓަރގެ އަރިހުން އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީ ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމިފައިވުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި މި ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާނެ ގޮތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން، އައްޑޫ ނޭޗަރ ޕާރކް، ސިޓީ ކައުންސިލާ ހަވާލުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ޑރ. ޢަބްދުﷲ ނަސީރާއި، އެންޔަވަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ވަނީ ކައުންސިލާ މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރ އާއި ކައުންސިލަރުންނާއި، އަވަށު އޮފީސްތަކުގެ ޑިރެކްޓަރުންނާއި، ކައުންސިލް އިދާރާގެ ސެކްޝަންތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ޑރ. ޢަބްދުﷲ ނަސީރާއި، މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.