އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

31 މާރޗް 2021     1 year ago


އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުން އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ޕްރޮޖެކްޓް ސައިޓުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މިގޮތުން މާދަމާއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް ސައިޓުތައް ޤާއިމުކުރުމަށް ބޭނުންވާ ބިންތައް އެ ކުންފުންޏާ ހަވާލުކުރެވޭނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތަށް އެ ކުންފުނީގެ ހަތް މެންބަރުންގެ ސާރވޭ ޓީމެއް މާދަމާގެ ވަގުތެއްގައި އައްޑޫ ސިޓީ އަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 21 ފެބުރުވަރީ 2021 ވަނަ ދުވަހު އެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ އަގަކީ 77،630،898 (ހަތްދިޔަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިޔަ އަށް) އެމެރިކާ ޑޮލަރެވެ. އެއީ 1،197،068،447.16 ބިލިއަން ދިވެހި ރުފިޔާ (އެއް ބިލިއަން އެއް ސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސްދޮޅަސް އަށް ހާސް ހަތަރު ސަތޭކަ ސާޅީސް ހަތް ދިވެހި ރުފިޔާ ސޯޅަ ލާރި) އެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމުލަ 3.4 ކިލޯމީޓަރުގެ މަގުގެ ރީސަރފޭސިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ބުރިޖު ހިމެނޭ ގޮތަށް 1.463 ކިލޯމީޓަރުގެ އައު ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިގެންދާނެއެވެ.