އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރަފުއްދީން ސްކޫލުން ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވައިފި

1 އެޕްރީލް 2021     2 years ago


ޝަރަފުއްދީން ސްކޫލުން ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވައިފި

ޝަރަފުއްދީން ސްކޫލުން ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝަރަފުއްދީން ސްކޫލްގެ ބައެއް މުދައްރިސުން ހާމަކުރެއްވި ގޮތުގައި ދުނިޔޭގެ އޯޓިޒަމް ދުވަސް މި އަހަރު ދިމާވަނީ ހަފްތާ ބަންދަށް ކަމަށްވާތީ، މި އަހަރު އެ ސްކޫލުން އެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ 04 އޭޕްރީލް 2021 ވަނަ ދުވަހު ކަމަށާއި، މި ޙަރަކާތްތައް އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، ޝަރަފުއްދީން ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުން ގެންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލް މާހައުލުގައި ހުރި ދަތިތައް ފާހަގަކުރައްވައި އެ ސްކޫލްގެ މުދައްރިސުން ފާހަގަކުރެއްވި ގޮތުގައި، މި ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކުދިންނަށް ބޭނުންކުރެވޭނެ ފަދަ ރައްކާތެރި މައިޒާނެއް ނެތުން ކަމަށެވެ.

މިގޮތުން މިހާރު އެ ކުދިން ޕްލޭގްރައުންޑެއްގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދުގައި ގައު އަޅާފައި ހުންނަ ގޮތުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށާއި، މީގެ ސަބަބުން ބައެއް ދަރިވަރުން ޕްލޭގްރައުންޑް ބޭނުންކުރުމަށް ޖެހިލުންވާ ކަމަށްވެސް މުދައްރިސުން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޖިސްމާނީ ތަރައްޤީއަށްޓަކައި ކޮންމެހެންވެސް އެކުދިން ޕްލޭގްރައުންޑަށް ނެރެންޖެހޭކަން ފާހަގަކުރައްވައި، މި މައްސަލަ ޙައްލު ކުރުމުގެ ގޮތުން ދަރިވަރުން މިހާރު ބޭނުންކުރަމުންދާ މައިޒާނުގައި ޓާފު އެޅުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް މުދައްރިސުން ވަނީ އެދިލައްވައިފައެވެ.

މިގޮތުން މި މައިޒާނުގައި ޓާފު އެޅުމުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިތުރުން ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް އޭގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މުދައްރިސުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، މުދައްރިސުންގެ ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ޝަރަފުއްދީން ސްކޫލްގެ ޕްލޭގްރައުންޑްގައި ޓާފު އެޅުމަށް ކައުންސިލުން ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގައެވެ.