އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތު ޕޮލިސް ޑިވިޜަންގެ އާ ކޮމާންޑަރ، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

1 އެޕްރީލް 2021     2 years ago


ސައުތު ޕޮލިސް ޑިވިޜަންގެ އާ ކޮމާންޑަރ، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ސައުތު ޕޮލިސް ޑިވިޜަންގެ އާ ކޮމާންޑަރ، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފް މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ އާ ޑިވިޜަން ކޮމާންޑަރ ތަޢާރަފްވެލެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިގޮތުން އާ ޑިވިޜަން ކޮމާންޑަރ ތަޢާރަފްކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކުރީގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފް ވަނީ، އައްޑޫ ސިޓީ ކައުންސިލަކީ ފުލުހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ކައުންސިލެއްކަން ފާހަގަކުރައްވައި، މިކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މަސައްކަތަށް ކައުންސިލުން އެއްބާރުލެއްވުން ދެއްވާނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، ކޮވިޑް-19ގެ ޙާލަތު އައްޑޫ ސިޓީގައި އިތުރަށް ގޯސްނުވެ މިހާތަނަށް އައިސްފައި ވަނީ ފުލުހުންނާއި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ. މިގޮތުން މިދިޔަ އަހަރު އައްޑޫގެ ތިން ޕޮލިސް ސްޓޭޝަނަށް ޢައްޔަނު ކުރެއްވުނު ސްޓޭޝަން ކޮމާންޑަރުންގެ ދަށުން ފުލުހުން ކުރެއްވި މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް އިރުޝާދުދެއްވައި ހިންގުންތެރިކަމާއެކު މަސައްކަތް ކުރައްވައި، އައްޑޫ އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ކުރީގެ ޑިވިޜަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމް ދެއްވި އެއްބާރުލެއްވުމަށްޓަކައި މޭޔަރ ވަނީ އައްޑޫ ސިޓީގެ އެންމެހައި ރައްޔިތުންނާއި، ކައުންސިލްގެ އެންމެހައި މުވައްޒަފުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމް  އަދި ސްޓޭޝަން ކޮމާންޑަރުންނަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، އަވަށްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ފުލުހުންނާއި ކައުންސިލުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮންމެ އަވަށެއްގައިވެސް މިހާރު މުނިސިޕަލް އިންސްޕެކްޓަރުން ތިއްބަވާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، މުނިސިޕަލް އިންސްޕެކްޓަރުންގެ ސަބަބުން މިފަދަ ކަންކަމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޤާނޫނުގެ ތެރެއިން ފުލުހުންނާއެކު ކައުންސިލާއި އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލެއްވުމަކީ މުހިންމު ކަމެއް ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައުތު ޕޮލިސް ޑިވިޜަންގެ ކުރީގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމް ވިދާޅުވީ މިހާތަނަށް ފުލުހުންގެ މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ކައުންސިލަށް ޝުކުރު ދަންންވައިފައެވެ. އަދި މުސްތަޤުބަލުގައިވެސް މި އެހީތެރިކަން ކައުންސިލުން ފޯރުކޮށްދެއްވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް، ސައުތު ޕޮލިސް ޑިވިޜަންގެ ފަރާތުން ކައުންސިލަށް ވަނީ ހަނދާނީ ފިލާއެއް އަރުވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޭޔަރގެ އަރިހުގައި އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންނާއި ކައުންސިލްގެ ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު ޔަސްރިފް ބައިވެރިވެލެއްވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު އާތިފާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، ޔޫސުފް ލޫތާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، އާދަމް މުއީނާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، ފާތިމަތު ރިޝްވީނާ ޢަޙުމަދާއި، އިންސްޕެކްޓަރ އޮފް ޕޮލިސް، އިބްރާހިމް ނައީމް އަދި ޑެޕިއުޓީ ސިވިލް އޮފިސަރ، މުޙައްމަދު މުއީޝެވެ.