އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ބެޑްމިންޓަން ޓީމާ ކައުންސިލުން ބައްދަލުކޮށްފި

9 ނޮވެމްބަރ 2016     7 years ago


އައްޑޫ ބެޑްމިންޓަން ޓީމާ ކައުންސިލުން ބައްދަލުކޮށްފި

އައްޑޫ ބެޑްމިންޓަން ޓީމާއި މޭޔަރ އަބްދުﷲ ޞާދިޤް އަދި ކައުންސިލަރ މުޙައްމަދު ޔަސްރިފް ބައްދަލު ކުރައްވައިފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވުނު މިބައްދަލުވުމަކީ އައްޑޫ ބެޑްމިންޓަން ޓީމުން ކުރިއަށް އޮތް އަތޮޅު ލީގް ބެޑްމިންޓަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ދާގޮތުގެ މައުލޫމާތު ހޯދުމަށާއި ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން ކައުންސިލްގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

އެކި މުބާރާތްތަކުގައި ކުޅެ ފާހަގަ ކޮށްލެވޭ މޮޅު ކުޅުން ދައްކާފައިވާ ކުޅުންތެރިން ހިމަނައިގެން އެއް ޓީމެއްގެ ގޮތުގައި ވާދަކުރަން ނުކުތުމުން ނަތީޖާ ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަމެއް އެބައޮތްކަމަށް މޭޔަރ އަބްދުﷲ ޞާދިޤް މި ބައްދަލުވުމުގެ ތެރެއިން ފާހަގަ ކުރެއްވިއެވެ. އެއް ޓީމެއްގެ ގޮތުގައި އައްޑޫގެ ހުނަރުވެރި ކުޅުންތެރިން އަތޮޅު ލީގުގައި ވާދަކޮށް ކުޅިވަރުގެ ރޫހާއި އެގޮތަށް ރަނގަޅު ކުޅުމެއް ދައްކައި ހިތްވަރާއެކު މަސައްކަތް ކުރުމަށްވެސް މޭޔަރ އެދިވަޑައިގަތެވެ. އަދި ޗެމްޕިއަންކަން ހޯދައި އައްޑޫ ފަޙުރުވެރިވާ ޓީމަކަށް މިޓީމް ވެގެންދިޔުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަން މޭޔަރ ވާހަކަފުޅުގައި ފާހަގަ ވަނީ ކޮށްފައެވެ.

އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް ފެށެން ގާތް ވެފައިވާއިރު އައްޑޫއިން ނެރޭ ޓީމްގެ ކޯޗް ވަނީ މިޓީމުން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ޗެމްޕިއަންކަން ނެގޭނެ ކަމުގެ ޔަޤިންކަން ދީފައެވެ. އައްޑޫ ޓީމްގެ ކޯޗް ބުނި ގޮތުގައި އައްޑޫ ޓީމްގެ ފަރިތަކުރުންތައް ރަނގަޅު ގޮތުގައި ކުރިއަށް ގޮސް އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރުވެފައިވާކަމަށެވެ.

އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގައި މީގެ ކުރިން އައްޑޫއިން ބައިވެރިވެފައިވަނީ ދެ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މިފަހަރު އެދެ ޓީމްގެ ކުޅުންތެރިން ހިމަނައިގެން އެއް ވަރުގަދަ ޓީމެއްގެ ގޮތުގައި ނެރޭގޮތަށް ވަނީ ހަމަޖެހިގެން ގޮސްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އައްޑޫން ބައިވެރިވި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.