އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވެކްޓަރ ކޮންޓްރޯލް ކެމްޕޭނެއް މިއަންނަ އަދީއްތަ ދުވަހު ފަށަނީ

11 ނޮވެމްބަރ 2016     7 years ago


ވެކްޓަރ ކޮންޓްރޯލް ކެމްޕޭނެއް މިއަންނަ އަދީއްތަ ދުވަހު ފަށަނީ

ބަލިތައް ފަތުރާ ސޫފާސޫފި މަދުކުރުމުގެ ގޮތުން ވެކްޓަރ ކޮންޓްރޯލް ކެމްޕޭނެއް އައްޑޫސިޓީގައި ފަށަން މިއަންނަ އާދިއްތަ ދުވަހު ވަނީ ހަމަޖަހިފައެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނާއި މިނިސްޓްރީ އޮފް ހެލްތް ގުޅިގެން އައްޑޫސިޓީގައި ފަށަން ހަމަޖެހިފައިވާ މި ކެމްޕޭނުގެ ދަށުން ރަށުގެ ބައެއް ސަރަހައްދުތައް ސާފުކޮށް މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވެއެވެ. މިހަރަކާތުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން މަދިރި އުފެދޭ ފެންގަނޑުތަކުން މަދިރި ނައްތާލުމަށް ބޭނުންކުރާ ވެކްޓަރ ކޮންޓްރޯލް ޓެމެފޯސް ގެ އިތުރުން މަދިރި މަދުކުރުމަށް ބޭނުންކުރާ ބައެއް އެހެނިހެން މެޝިނަރީސް ހަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިކެމްޕޭން ފަށާފައި މިވަނީ މިދުވަސްވަރަކީ ވިއްސާރައިގެ އަސަރު ކުރަމުންދާ ދުވަސްކޮޅަކަށްވެފައި ވާރޭގެ ސަބުބުން މަދިރި އުފެދޭ ތަންތަން ގިނަވެފައި ވާނެ ކަމަށް ބެލެވޭތީއެވެ. އާންމުކޮށް ވިއްސާރަ މޫސުމަށްފަހު އައްޑޫގައި މަދިރީގެ އުދަގޫ ބޮޑުވެގެންދާކަން ފާހަގަ ކުރެވެއެވެ. ނުރައްކާތެރި ބަލިތައް ފެތުރުމުގައި ބޮޑު ދައުރަށް އަދާ ކުރާ މަދިރީގެ އުދަގުލުން ރައްކާތެރިވުމުގެ ގޮތުން ފަށާ މިހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރި ވުމަކީ އެދެވިގެންވާ ކަމެކެވެ.

ވެކްޓަރ ކޮންޓްރޯލް ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު ހަތެރަކުން ހިތަދޫ މެދު ދާއިރާގެ ކުޑަކުދިންގެ ޕާކް ސަރަހައްދުންނެވެ. މިހަރަކާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ވަޑައިގަންނަވާއިރު ތޮފި އަދި މަދިރިން ސަލާމަތް ވުމަށް މޮސްކިޓޯ ރިޕެލެންޓް ބޭނުން ކުރައްވައިގެ ވަޑައިގަތުމަށް އިރުޝާދު ވަނީ ދެވިފައެވެ.