އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އައު ބޭފުޅެއް

16 ނޮވެމްބަރ 2016     7 years ago


ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އައު ބޭފުޅެއް

ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އިންސްޕެކްޓަރ ޢަލީ ޝަރީފް އައްޔަންވުމާ ގުޅިގެން ޕޮލިހުން ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ޕޮލިހުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިންސްޕްކްޓަރ ޢަލީ ޝަރީފްއާއި މިހާރު ވަކިވެގެންދާ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރުއާއި ސަބް އިންސްޕެކްޓަރ ޖަމްޝީދް ޢަލީއެވެ.

ދެއަހަރުދުވަހުގެ މުއްދަތަށް ކޮމާންޑަރުގެ މަގާމް އަދާކުރެއްވުމަށްފަހު ވަކިވެގެންދާ ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް ޙުސައިން ސަމީރުގެ ދައުރުގައި ޓްރެފިކް މައްސަލަތައް ވަރަށް ބޮޑަށް ހައްލު ކުރެވިފައިވާކަން ފާހަގަކޮށް މޭޔަރ އަބްދﷲ ޞާދިޤް މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. މޭޔަރ ވިދާޅުވިގޮތުގައި ޕޮލިހާއި ކައުންސިލާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އަދި މުސްތަޤްބަލުގައިވެސް އެފަދައިން ގުޅުން ބާއްވަން ކައުންސިލުން އެދާ ކަމަށެވެ. އެއީ ޤާނޫނީ ގޮތުން އުފުލަންޖެހޭ ޒިންމާތައް އުފުލައި މުޖްތަމައު އަމާން ތަނަކަށް ހެދޭނީ ދެފަރާތުން އެކީގައި މަސައްކަތް ކޮށްގެން ކަމަށް ދެކިވަޑައިގަންނާތީކަމަށެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރުގެ ދައުރުގައި ކައުންސިލަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެބޭފުޅާއަށް ހަދަނީ ލިޔުމެއް ވަނީ އަރުވާފައެވެ. މި ހަނދާނީ ލިޔުން ޢަލީ ސަމީރުއާ ހަވާލު ކޮށްދެއްވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

ޕޮލިހުގައި 17 އަހަރުވަންދެން މަސައްކަތް ކުރައްވާފައިވާ އިންސްޕެކްޓަރ ޢަލީ ޝަރީފް މަޤާމާ ހަވާލުވެމިވަޑައިގަތީ އިންޑިޔާއިން އެއް އަހަރުދުވަހުގެ އައި.ޕީ.އެސް ކޯސް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. މި ކޯހަކީ އިންޑިއާގައި ހެދޭ އެންމެ މަތީ ފެންވަރުގެ އެއް ޕޮލިސް ކޯހެވެ.