އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވިލާ ކޮލެޖްގެ ފަރާތުން ކައުންސިލާ ބައްދަލުކުރައްވައިފި

5 ޑިސެމްބަރ 2016     7 years ago


ވިލާ ކޮލެޖްގެ ފަރާތުން ކައުންސިލާ ބައްދަލުކުރައްވައިފި

4 ޑިސެމްބަރ:

ވިލާ ކޮލެޖްގެ ބައެއް އިސް ބޭފުޅުން މިވަގުތު އައްޑޫސިޓީ އަށް ކުރައްވާ ޒިޔާރަތުގައި އައްޑޫސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރ އަލްފާޟިލް ޢަބްދުﷲ ސާދިޤާއި، ކައުންސިލަރ ޢަލީފަހުމީ އަޙުމަދާއި، ކައުންސިލަރ މުޙައްމަދު ޔަސްރިފް ބައިވެރިވެވަޑައިގަތެވެ. ވިލާ ކޮލެޖްގެ ފަރާތުން އެކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު އާއި، ޑީން އޮފް ސްޓޫޑެންޓްސް ޑރ. އަބްދުﷲ ޞާދިޤް އިތުރުން ކޮލެޖްގެ އެގެޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބާއި، ޑައިރެކްޓަރ އައިޝަތު މުޙައްމަދު ދީދީ އަދި އެސިސްޓެންޓް މެނޭޖަރ އަލީ ޙަމޫދު ހަސަން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި ވިލާ ކޮލެޖްގެ ކޯސްތައް އައްޑޫގައި ފުޅާކުރުމަށް ގެންގުޅުއްވާ ތަސައްވުރާއި ކޮލެޖުން އައްޑޫގައި ހިންގަން ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން ކައުންސިލާ މައުލޫމާތު ހިއްސާކުރެއްވިއެވެ. މި އަންނަ ޖަނަވަރީ މަހު ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ އެމްބީއޭ ޕްރޮގްރާމެއް ފެށްޓުމަށް ޜޭވިފައިވާ ކަމަށާއި އަދި މިހާރުވެސް ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ޕްރޮގްރާމްތައް ހިންގަމުންދާ ކަމުގައި ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، މިވަގުތުވެސް 70 އަށް ވުރެ ގިނަ ދަރިވަރުން ހިތަދޫ ކެމްޕަސްގައި ތަޢުލީމް ޙާޞިލް ކުރަމުންދާއިރު ކޮލެޖް ހިންގަމުންދަނީ ކުއްޔަށް ހިފާފައިވާ ގެއެއްގައި ކަމުން ޚިދްމަތްތައް އިތުރަށް ފުޅާކުރަން އެހެން އިމާރާތެއް ލިބޭތޯ މަސައްކަތް ކުރައްވަމުންދާކަމުގައެވެ. އަދި ވަކިން ޚާއްސަކޮށް ސްރީލަންކަން އެއަރލައިންގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށިފައިވުމުން ބޭރުގެ ދަރިވަރުން އައްޑޫއަށް ތަޢުލީމް ޙާޞިލްކުރަން ގެނައުމަކީ ވިލާ ކޮލެޖްގެ ވަރަށް ބޮޑު އުއްމީދެއްކަމަށްވެސް ވިދާޅުވިއެވެ.

ވިލާކޮލެޖްގައި ހިންގޭ ޕްރޮގްރާމްތައް ވީހާވެސް އަތްފޯރާ އަގުތަކެއްގައި ހިންގުމަކީ އެކޮލެޖުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށްވާތީ، ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ޕްރޮގްރާމްއަށް ދައްކަންޖެހޭ ފީ ދެއްކުމުގައި ލުއިގޮތެއް އިންތިޒާމް ކުރެވިފައިވާ ކަމަށް ޑރ. ޢަލީ ނަޖީބް ވިދާޅުވިއެވެ.  މިގޮތުން އަހަރަކު ތިރީސް ނުވަހާސް ފަސްސަތޭކަ ރުފިޔާ ދައްކަންޖެހޭ މިޕްރޮގްރާމްގެ ފީ  6 އަހަރުގެ މުއްދަތަކަށް ބަހާލައިގެން މަހަކު 417ރ. ދައްކާގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކްއާ ގުޅިގެން ވިލާ ކޮލެޖުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މިކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެއް ސެމެސްޓަރ ބްރިސްޓަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތުވެސް އޮތް ކަމަށް ޢަލީ ނަޖީބް ވިދާޅުވިއެވެ. ޢަލީ ނަޖީބް ވިދާޅުވީ، ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ޕްރޮގްރާމް ލަންޑަނަށް ގޮސް ފުރިހަމަ ކުރާނަމަ ހަމައެކަނި ޓިއުޝަން ފީއަށް ތޭރަހާސް ޕައުންޑް ކޮންމެ އަހަރަކު ޚަރަދުކުރަންޖޭހޭ ކަމަށެވެ.

މޭޔަރ އަބްދުﷲ ޞާދިޤް ވިލާ އިން އައްޑޫގެ ތަޢުލީމް ކުރިއެރުވުމަށްކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކޮށް މިބައްދަލުވުމުގައި ވާހަކަފުޅުދެއްކެވިއެވެ. މޭޔަރ ގެ ވާހަކަފުޅުގައި މިހާރު ހަދަމުންގެންދާ ޑެވެލޮޕްމެންޓް ޕްލޭންގައި އުންމީދު ކުރާ އެއް ލަނޑުދަޑި އަކީ ތަޢުލީމީ ދާއިރާ ފުޅާވެގެން ގޮސް މި ސަރަހައްދުގެ އެކި ގައުމުތަކުން އައްޑޫއަށް ތަޢުލީމް ހާޞިލްކުރަން އައުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ރަނގަޅު ފެންވަރުގެ ކޯސްތަކެއްގައި ތަމްރީނު ވުމުގެ މުހިއްމު ކަމާމެދު ވާހަކަފުޅު ދެއްކެވިއެވެ.