06 ޑިސެމްބަރ:
އައްޑޫސިޓީ މީދޫ އަވަށުގެ މުލިމަތި ޖަމްޢިއްޔާއިން ކައުންސިލާއެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މިބައްދަލުވުމަކީ މީދޫ އަވަށުގެ ވަށައިގެން ހެދިފައިވާ 2.6 ކިލޯ މީޓަރުގެ މަގު ރަށް ގިރުމުގެ ސަބަބުން ހަނިވެ އެމަގުން ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާތީ އެރަށުގެ ޒުވާނުންތަކަކާއި މުލިމަތި ޖަމްޢިއްޔާއިން އިސްނަގައިގެން މަގު ފުޅާ ކުރުމަށް ނިންމައި އެކަމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދި ބޭއްވުނު ބައްދަލުވުމެކެވެ.
މިބައްދަލުވުމަގައި މުލިމަތި ޖަމިއްޔާގެ ރައީސް އަބްދުﷲ ވަސީމް ފާހަގަ ކުރިގޮތުގައި އެ މަގު ހަނިވެ ދަތުރުފަތުރު ކުރުމުގެ އުދަގުލާ ހެދި އެމަގު ބޭނުން ކުރުން ވަނީ މަދުވެފައެވެ. އަދި މިކަމުގެ ސަބަބުން މަގުގެ ސަހަރަހައްދުތަކަށް ކުނި އުކުން އާންމުވެފައިވާކަމަށެވެ. އެހެންކަމުން މިދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މަގު ސާފުކޮށް ފުޅާ ކުރުމަށް އެހީތެރިކަން ހޯދުމަށް ހައުސިންގް މިނިސްޓްރީއާވެސް ވާހަކަ ދެކިވިފައިވާ ކަމަށެވެ. މިމަޝްވަރާތަކާ ގުޅިގެން ހައުސިންންގް މިނިސްޓްރީއިން މަސައްކަތަށް ބޭނުންވާ ފަންނީ ލަފަޔާއި އުޅަނދުތައް ދިނުމަށް އެއްބަސް ވެފައިވާކަމަށާއި ނަމަވެސް އުޅަނދުތަކަށް ބޭނުންވާ ތެލާއި ޑްރައިވަރުން ދެވެން ނެތްކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވާ ކަމަށް ވަސީމް ބުންޏެވެ.
ޖަމްޢިއްޔާ ޖަމާޢަތްތަކުން އަމިއްލައަށް އިސްނަގައިގެން މުޖްތަމައުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި މަސައްކަތް ކުރުމަކީ އެ މަސައްކަތްތަށް ހަވާލުވެފައިވާ އިދާރާތަކަށް ލިބިގެންދާނެ އެހީއެއް ކަމަށާއި އެކަމަށްޓަކައި މުލިމަތި ޖަމްޢިއްޔާއަށް މޭޔަރ އަބްދުﷲ ޞާދިޤް މިބައްދަލުވުމުގައި ތައުރީފް ކުރެއްވެވިއެވެ. ނަމަވެސް މިމަގަކީ ހޭޅިފަށާއި ވަރަށް ކައިރީގައިވާ މަގަކަށްވުމުން މަގު ފުޅާކުރުމަށް ވިސްނާއިރު ހޭޅިފަށުގައި ހެދިފައިވާ ގަސްތަކަށް ގެއްލުން ނުވުން މުހިއްމުކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި ގާނޫނީ ގޮތުން ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ހުއްދައާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
އައްޑޫސިޓީ ކައުންސިލުން ކުރަމުން އައި ކަންކަމުގެ ތެރެއިން މަގު މަރާމާތުކޮށް ބެލެހެއްޓުމާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ބިމާއިބެހޭ އެންމެހައި ޙިދުމަތްތަކާއި މަގުމަތި ކުނިކަހައި ސާފުކުރުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމާއި ފެން ހިންދާ ނިޒާމް ބެލެހެއްޓުމާއި ރޭގަނޑަށް މަގުތައް ދިއްލުމާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި މިފަދަ ކަންކަން 23 ޖުލައި 2015 ވަނަ އަހަރު ވަނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އާ ހަވާލު ކުރެވިފައެވެ.