އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޗައިނާ ގެ ހުއިޒޯ ސިޓީއާއި އައްޑޫސިޓީއާ ދެމެދު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރަނީ

27 ޖެނުއަރީ 2017     7 years ago


ޗައިނާ ގެ ހުއިޒޯ ސިޓީއާއި އައްޑޫސިޓީއާ ދެމެދު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރަނީ

 

އައްޑޫސިޓީއާއި ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހުއިޒޯ ސިޓީއާ ދެމެދު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރުމާ ގުޅޭ ގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއި  މޭޔަރ މިއަދު ބައްދަލުކުރައްވައިފި.

ޗައިނާ އެމްބަސީގައި ކުރިއަށް ގެންދެވުނު  މިބައްދަލުވުމުގައި ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންގް ފޫކަންގްއާއި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކުރެއްވީ މޭޔަރ އަބްދުﷲ ޞާދިޤް ގެ އިތުރުން އައްޑޫސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ޑިރެކްޓަރ މުޙައްމަދު ސައުދީ ޙަސަންއެވެ. މިބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ ހުއިޒޯ ސިޓީއާއި އައްޑޫސިޓީއާ ދެމެދު ގުޅުން އިތުރުކުރަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި މިގުޅުމުގެ ސަބަބުން ދެފަރާތަށްވެސް ފައިދާ ލިބިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމް ކުރުމަށްޓަކައި އެމް.އޯ.ޔޫ މޭޔަރ އަތްޕުޅަށް ވަނީ އަރުއްވާފައެވެ.

ހުއިޒޯ ސިޓީއާއި އަޅާ ބަލާއިރު އައްޑޫސިޓީއަކީ އާބާދީގެ ގޮތުން އަދި ބިމުގެ ގޮތުންވެސް ކުޑަ ސިޓީ އެއްކަމަށާއި ނަމަވެސް މިދެސިޓީ ދެމެދު ފައިދާ ކުރުވަނި ގުޅުމެއް ބޭއްވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި މޭޔަރ ވަނީ މިމަޝްވަރާ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި ވަކިން ޚާއްސަކޮށް އައްޑޫސިޓީ އެއަރޕޯޓަށް ގެނެވުނު ތަރައްޤީއާއެކު ޗައިނާއާއި އައްޑޫއާ ދެމެދު ގުޅުން ބޭއްވުމަށް އިތުރަށް ފަސޭހަ ވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ކައުންސިލްގެ ބައްދަލުވުމުން ފާސްވިހާ އަވަހަކަށް މިއަދު އެރުވުނު އެމް.އޯ.ޔޫ ގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫސިޓީއާއި ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގެ ހުއިޒޯ ސިޓީއާ ދެމެދު ޤާއިމް ކުރެވޭ ސިސްޓަރ ރިލޭޝަންޝިޕްގެ ދަށުން ވިޔާފާރީގެ މުޢާމަލާތްތަކާއި ޓޫރިޒަމް އަދި ތިމާވެށީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށްޓަކައި އެއްބާރުލުމާއި އެހީތެރިކަމުގެ ގުޅުން މިދެސިޓީގެ ދެމެދު އުފެދިގެންދާނެވެ.