އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ މިސްރާބު އާ އަމާޒަކަށް

29 ޖެނުއަރީ 2017     7 years ago


އައްޑޫސިޓީ ކައުންސިލްގެ މިސްރާބު އާ އަމާޒަކަށް

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ގާބިލް އަދި ފަންނީ މުވައްޒަފުންތަކަކަށް ހެދުމުގެ އާ އަމާޒަށް ކައުންސިލުން ދަތުރު ފަށައިފިއެވެ. މިކަން މޭޔަރ ޢަބްދުﷲ ސާދިޤް އިއުލާންކުރެއްވީ، 2017 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ތަމްރީން ފޯވަހި ފެށުމާއި ފެންވަރު ބެލުމުގެ ފޯވަހި ފެށުމުގެ ރަސްމިއްޔާތުގައި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މުވައްޒަފުން ތަމްރީން ކުރުމަށް ކައުންސިލުން ހިންގާނެ ތަމްރީން ޕްރޮގްރާމްތައް ހިމެނޭ ޓްރެއިނިންގ ޑައިރެކްޓަރީ މޭޔަރ ވަނީ ނެރެ ދެއްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި ތަނެއް ކުރިއަރައިދާނީ އެތަނެއްގެ އިންސާނީ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބިނާކުރެވި ތަރައްޤީ ކުރެވިގެން" މޭޔަރ ވިދާޅުވިއެވެ." އަޅުގަނޑުމެންގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީ އަށް ފައިހަމަކުރެވޭ ހޭލުންތެރި ޓީމަކަށް އަޅުގަނޑުމެންގެ ޓީމް ހެދުން."

މޭޔަރ ވިދާޅުވީ، ކައުންސިލްގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ، އަހަރު ނިމިގެންދާއިރު ކައުންސިލްގެ އިދާރާގެ ޓީމުގައި ހިމެނޭ ކޮންމެ މުވައްޒަފަކީވެސް އެންމެ މަދުވެގެން 12 ގަޑިއިރުގެ ތަމްރީން ފުރިހަމަކޮށްފައިވާ މުވައްޒަފަކަށް ހެދުމެވެ.

ޒިންމާދާރުވެރިޔާ މުހައްމަދު ސަޢުދީ ހަސަން ވިދާޅުވީ، އޮފީހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުވައްޒަފުންގެ ފެންވަރާއި ހުނަރު އަދި ޤާބިލްކަން އިތުރުކުރަން ޖެހޭ ކަމުގައެވެ. ސަޢުދީ ވިދާޅުވީ، ކައުންސިލުން މިއަހަރު ކުރިއަށް ގެންދަން ރާވާފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން އެކިއެކި ފަންތީގެ މުވައްޒަފުންނަށް މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ތަމްރީން ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމުގައެވެ.

މުވައްޒަފުން ތަމްރީން ކުރުމަށް 20 ޕްރޮގްރާމެއް މިއަހަރު ކައުންސިލުން ހިންގާނެއެވެ. އޭގެ ތެރޭގައި، ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިކުރުވުން، މޯޓިވޭޝަން، އޮފީސް ދިވެހި، އިންޓަރވިއު ޕެނަލިސްޓް ޓްރެއިނިންގ، އިންގްލިޝް ފޮރ އޮފީސް އެޑްމިނިސްޓްރޭޝަން، ލިޑަރޝިޕް ސްކިލްސް ފޮރ އެގްޒެކެޓިވްސް، ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް، އެޑްވާންސްޑް ކޮމްޕިއުޓަރ ސްކިލްސް، ކޮންފްލިކްޓް މެނޭޖްމަންޓް ފަދަ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.

ކައުންސިލުން އާ އަމާޒަކަށް މިސްރާބު ހިފާފައިވާއިރު، ވޭތުވެދިޔަ އަހަރު ކައުންސިލުން ވަނީ ތަރައްޤީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން ވިޜަން އައްޑޫ ހެދުމުގެ މަސައްކަތާއި، ކުރިއަށް އޮތް ފަސްއަހަރުގެ ޑިވެލޮޕްމަންޓް ޕްލޭންވަނީ ހަދާފައެވެ. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އެކުލެވޭގޮތަށް "އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ" ވަނީ އުފައްދަވާފައެވެ. އަދި އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ވަނީ ގާއިމުކުރެވިފައެވެ.